ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ދިވެހި ދަރިވަރުންގެ ޓީމެއް ފުރައިފިއެވެ. މި މަހު 7 އިން 10 އަށް ސައުތު ކޮރެޔާގެ އިންޗިއޮންގައި ކުރިޔަށްދާ "ފަސްޓް ގްލޯބަލް ޗެލެންޖް 2026" ބައިވެރިވާ ދިވެހި ޓީމު ފުރީ ރޭގެ ވަގުތެއްގައެވެ.

2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ، "ފަސްޓް ގްލޯބަލް"ގެ ރާއްޖޭގެ ރަސްމީ ޕާޓްނަރުގެ ހައިސިއްޔަތުން "ވުމަން އިން ޓެކް މޯލްޑިވްސް"ގެ އިސްނެގުމާއެކުއެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވެސް އެތައް ގައުމަކުން ދަރިވަރުން ބައިވެރިވެއެވެ.

މި އަހަރު ދިވެހި ޓީމަށް ތަމްރީނުތައް ދެނީ ރޮބޯޓިކްސް އާއި ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ސްޓެމް ސަރޓިފައިޑް އިންސްޓިޓިއުޓެއް ކަމަށްވާ "ފޯރލޫޕް ކޯޑިންގ އެކަޑަމީ" އިންނެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ 10 ދަރިވަރުންނަކީ ސަރުކާރާއި އަމިއްލަ ސްކޫލް ތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނެވެ.

4 އޮކްޓޯބަރު 2026: ރޮބޮޓިކްސް މުބާރާތަށް ކޮރެއާއަށް ފުރި ދިވެހި ދަރިވަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ވަން ފޮޓޯ

މިއީ މިދިޔަ އަހަރު ދިވެހި ޓީމުން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް ބިނާކޮށް ކުރެވޭ އިތުރު މަސައްކަތެއް ކަމަށް ފޯލޫޕް ކޯޑިން އެކެޑެމީން މައުލޫމާތު ދެއެވެ. މިދިޔަ އަހަރު ޕެނަމާގައި ބޭއްވި ފަސްޓް ގްލޯބަލް ޗެލެންޖުގައި ބައިވެރިވި 190 އަށްވުރެ ގިނަ ގައުމުގެ ތެރެއިން ދުނިޔޭގެ އެންމެ ގަދަ 55 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ ހިމެނިފަ އެވެ.

ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާއި ރާއްޖޭގެ އެކި ކުންފުނިތަކާއި ޖަމިއްޔާތަކުންވެސް އަންނަނީ މުބާރާތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި އަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ޓީމުގެ މެއިން ސްޕޮންސަރަކީ އެމްޑަބްލިއުއެސް.ސީ އެވެ. މީގެ އިތުރުން އައިލެންޑް އާޓް އާއި އެލައިޑް އިންޝުއަރެންސް އަދި ވިޒިޓް މޯލްޑިވްސް ފަރާތުން ވެސް އެހީތެރިކަން ލިބިފައިވާ ކަމަށް ފޯލޫޕްގެ ފަރާތުން މައުލޫމާތު ދެއެވެ.

ކޮރެއާއަށް ދަތުރުކޮށް މުބާރާތުގައި ވާދަކުރާ ޓީމު

  1. ޔޫނުސް މުޙައްމަދު އަޙްމަދު
  2. އާއިޝަތު އީޝަލް އިސްމާޢީލް
  3. ޒައިދާން މުހައްމަދު ޒަމީރު
  4. އާއިޝަތު ބިންތި ތަލްހަތު އަހުމަދު
  5. މުހައްމަދު މާހިލް ސިނާން އަލީ

ހޯމް ޓީމް:

  1. ނޫރީން އަޝާ މުހައްމަދު
  2. އާމިނަތު ޝާޔާން ސާލިހު
  3. ހައްވާ ޔުޒުކާ ޔޫސުފު
  4. އައްމާރު ބިން ޒުބައިރު
  5. ޔޫސުފް ޔުއާން އަހުމަދު

އިންޗިއޮންގައި ކުރިޔަށްދާ މި މުބާރާތުގައި ޓީމުން ވާދަކުރަން ނިންމާފައިވަނީ "Igniting Innovation" މައުލޫއުގެ ދަށުންނެވެ. މި މައުލޫގެ ދަށުން ރޮބޯޓިކްސް، އީޖާދީ ވިސްނުން އަދި އިންޖީނިއަރިން ބޭނުންކޮށްގެން ދިވެހި ދަރިވަރުން ވާދަކުރާނީ ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި، އެފަދަ ހާދިސާތަކުން އަރައިގަތުމަށް ބޭނުންވާ ހައްލުތައް ހޯދުމުގެ ދާއިރާއިން ކަމަށް ފޯލޫޕްގެ ފަރާތުން މައުލޫމާތުދެ އެވެ.

4 އޮކްޓޯބަރު 2026: ރޮބޮޓިކްސް މުބާރާތަށް ކޮރެއާއަށް ފުރި ދިވެހި ދަރިވަރުންނާއި މި މުބާރާތުގެ ބައެއް އޮފިޝަލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ވަން ފޮޓޯ

މި މުބާރާތުގެ މުހިންމުކަމާ ގުޅޭގޮތުން ފޯރލޫޕް ކޯޑިން އެކަޑަމީގެ ސީއީއޯ ރިޔާޒް ވިދާޅުވީ، ފަސްޓް ގްލޯބަލް ޗެލެންޖުގައި ބައިވެރިވުމަކީ ދިވެހިރާއްޖެއަށް ލިބޭ ވަރަށް ހާއްސަ އަދި މުހިންމު ފުރުސަތެއް ކަމަށާއި ދިވެހި ދަރިވަރުންނަށް މިފަދަ މުހިންމު ފުރުސަތެއް ހޯދައިދިނުމުގައި ވުމަން އިން ޓެކް މޯލްޑިވްސްއިން ކުރައްވާ މަސައްކަތަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާކަމަށެވެ. މި ހަރަކާތުގެ ސަބަބުން STEM ތައުލީމުގެ ފުރުސަތު ފުޅާވެ ގުޅިގެން މަސައްކަތްކުރުން އަދި މައްސަލަތައް ހައްލުކުރުމުގެ އަމަލީ ހުނަރުތައް ދަރިވަރުންނަށް ދަސްވާނެ ކަމަށް ރިޔާޒް ފާހަގަކުރެއްވި އެވެ.

"މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއްހަމައެއްގައި ކުދި ޖަޒީރާ ގައުމުތަކުގެ ޒުވާނުންނަށްވެސް ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ފަދަ ދުނިޔޭގެ ބޮޑެތި ގޮންޖެހުންތަކަށް އީޖާދީ ހައްލުތައް ހުށަހެޅިދާނެކަން ސާބިތުކޮށްދޭ ކަމެއް" ރިޔާޒް ވިދާޅުވިއެވެ.