ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސްކޫލުތަކުގެ ގޯތިތެރޭގައި ބެލެނިވެރިން ފޮޓޯއާއި ވީޑިއޯ ނެގުމާއި، އެ ތަކެތި ވަޓްސްއެޕް އަދި ސޯޝަލް މީޑިއާގައި ހިއްސާކުރުން މަނާކޮށްފިއެވެ. ދުބާއީ އަދި ޝާރްޖާގެ ޕްރައިވެޓް ސްކޫލުތަކުން ބެލެނިވެރިންނަށް ފޮނުވި ސާކިއުލާތަކާ ހަވާލާދީ ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިޔަވަޅު އެޅީ ދަރިވަރުންގެ ރައްކާތެރިކަމާއި ޕްރައިވެސީ ހިމާޔަތްކުރުމުގެ ގޮތުންނެވެ.
މި އުސޫލު ތަންފީޒުކުރަން ފެށި ސްކޫލުތަކުގެ ތެރޭގައި ޝާރްޖާގައި ހުންނަ އިންޓަނޭޝަނަލް ސްކޫލް އޮފް ޝުވައިފާތު އާއި ޖެމްސް އަވާ އޯން އިންގްލިޝް ހައި ސްކޫލްގެ އިތުރުން ދުބާއީގެ ޖެމްސް ވިންޗެސްޓަރ ސްކޫލް ހިމެނެއެވެ.
ޖެމްސް އަވާ އޯން އިންގްލިޝް ހައި ސްކޫލްގެ ޕްރިންސިޕަލް އަދި ސީއީއޯ ސްރިވަލްސަން މުރުގަންއާ ހަވާލާދީ ހަބަރުތައް ބުނާގޮތުގައި، ސްކޫލުން އެންމެ އިސްކަމެއް ދެނީ ކޮންމެ ކުއްޖެއްގެވެސް ރައްކާތެރިކަމާއި ޕްރައިވެސީއަށެވެ. ޔޫއޭއީގެ ޕްރައިވެސީ ގާނޫނުތަކާ އެއްގޮތަށް، އެހެން ދަރިވަރުންނާއި މުވައްޒަފުންގެ ފޮޓޯ ނެގޭ ފަދަ ގޮތަކަށް އަމަލުނުކުރުމަށް އޭނާ ވަނީ ބެލެނިވެރިންގެ ކިބައިން އެދިފައެވެ.
އާ އުސޫލުގެ ދަށުން، ކްލާސްރޫމްތަކާއި، ކުޅޭ ސަރަހައްދުތަކާއި، ކޮރިޑޯތަކުގެ އިތުރުން ދަރިވަރުން ސްކޫލަށް ގެންދާ އަދި ބަލައިދާ ސަރަހައްދުތަކުގައިވެސް ފޮޓޯ ނެގުން ވަނީ މަނާކޮށްފައެވެ. ޝުވައިފާތު ސްކޫލުން ނެރުނު އެންގުމުގައި ބުނެފައިވާ ގޮތުގައި، މީގެ ކުރިން ސްކޫލު ތެރޭގައި ނަގާފައިވާ ފޮޓޯއެއްގައި އެހެން ކުދީން ފެންނާން ހުރި ނަމަ، އެ ފޮޓޯތައްވެސް ސޯޝަލް މީޑިއާއާއި ވަޓްސްއެޕް ގްރޫޕްތަކުން ޑިލީޓްކުރުމަށް ވަނީ އަންގާފައެވެ.
ނަމަވެސް، ސްކޫލުން ރަސްމީކޮށް ބާއްވާ ހަރަކާތްތަކުގައި ބެލެނިވެރިންނަށް ފޮޓޯ ނެގުމުގެ ހުއްދަ އޮންނާނެ ކަމަށް ސްކޫލުތަކުން ބުނެފައިވެއެވެ. އެހެން ނަމަވެސް، އެފަދަ ހަރަކާތްތަކުގައިވެސް ބެލެނިވެރިންނަށް ނެގޭނީ ހަމައެކަނި އެމީހެއްގެ އަމިއްލަ ދަރިފުޅުގެ ފޮޓޯ ކަމަށާއި، އެހެން ކުދިން ފްރޭމަށް ނާރާނެ ގޮތަށް ސަމާލުވުމަށް ސްކޫލުތަކުން ވަނީ އިރުޝާދު ދީފައެވެ. ޔޫއޭއީގެ ސައިބަކްރައިމް ގާނޫނުތައް ބުނާ ގޮތުން، ހުއްދަ ނެތި އެހެން މީހުންގެ ފޮޓޯ އާންމުކުރުމަކީ ބޮޑެތި ޖޫރިމަނާތަކާއި ޖަލު އަދަބު ލިބިދާނެ ކުށެކެވެ.
ޔޫއޭއީ
ޔޫއޭއީ
ޔޫއޭއީ
ޔޫއޭއީ
ކޮމެންޓް