ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓްތައް ފްރީޒްކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފު، އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.
މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުން ނިންމަވައިލައްވަމުން، މި މައްސަލަބައްލަވާ ތިން ފަނޑިޔާރުގެ ބެންޗުގައި އިންނެވި އިސް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މިކަމާ ބެހޭގޮތުން ދެން އޮންނަ އަޑުއެހުމެއްގައި އެ މައްސަލައާބެހޭގޮތުން ގޮތެއް ނިންމުން އޮންނާނެ ކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒުކޮށްދިނުމަށް އެދި ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ޝަރީއަތެއްގައެވެ. ޕީޖީގެ ފަރާތުން އެގޮތަށް އެދުނީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ހައިކޯޓުން ބާތިލުކުރުމާ ގުޅިގެންނެވެ.
މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ރައީސް ޔާމީންގެ ޝަރީއަތެއްގައި ޕީޖީގެ ފަރާތުން އެދުނީ ޔާމީންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފާއިވާ އެކައުންޓާއި މޮރީޝިއަސް ބޭންކްގައި ހުޅުވާފައިވާ އެކައުންޓް ވެސް ފްރީޒުކުރުމަށެވެ. އަދި އިސްލާމިކް ބޭންކްގެ އަށް އެކައުންޓް ފްރީޒު ކުރުން ހުއްޓުވި ހައިކޯޓުގެ ހުކުމް ބާތިލް ކުރަން ވެސް އެދިފައި ވެއެވެ.
ޔާމީންގެ އެކައުންޓުތައް ފްރީޒުކުރި އަމުރު ހައިކޯޓުން ބާތިލު ކުރީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ ހަތްވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައެޅުމަށްފަހުއެވެ.
ހައިކޯޓުގެ ހުކުމްގައި ބުނީ އެމްއެމްއޭގެ ސިޓީއާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމާ ދެމެދު މޮނީޓަރިން އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދައުލަތަށް ލިބިގެން ގޮސްފައިވާ އިރު، ދައުލަތުގެ ފަރާތުން މޮނިޓަރިން އަމުރަކަށް އެދި ހުށަހަޅާފައިނުވާ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން އެންމެ ފުރަތަމަ އެދެން ޖެހޭނީ އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށެވެ. އެ މާއްދާގައި މީހެއްގެ ބޭންކް އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށް އެދެވޭނެ ހާލަތްތައްވެސް ބަޔާން ކުރެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން މޮނިޓާކުރުމުގެ އަމުރެއްގެ ދަށުން ބަލަމުން އަންނަ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެއެވެ.
ކުރިމިނަލް ކޯޓުން ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރެއް ނެރުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެކަމާ ގުޅުން ހުރި ފައިސާ ނުހިފަހައްޓައިފިނަމަ، އެ ފައިސާއިން މާލީ މަންފާއެއް ހޯދުމަށް ފުރުސަތު ހުޅުވިފައި އޮންނާނެތީ ކަމަށް ބުނެއެވެ.
ސުޕްރީމް ކޯޓް