ރަށްރަށުގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް އަލުން ހުޅުވާލާއިރު ޕީޕީއީ އާއި އައިސޮލޭޝަން ކޮޓަރި ހުންނަން ޖެހޭނެ ކަމަށް ކޮވިޑް-19ގެ ހާލަތުގައި ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ބުނެފި އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް މާޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމާއެކު ބައެއް ގެސްޓްހައުސްތަކާއި މާލެ ސަރަހައްދުގެ ހޮޓެލްތައް ޓްރާންސިޓް ފަސިންޖަރުންނަށާއި ކުރޫއިންނަށް ވަނީ ހުޅުވާލައިފަ އެވެ
ގެސްޓްހައުސްތައް ރަސްމީކޮށް ހުޅުވަން ސަރުކާރުން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. އެ ތާރީހުގައި ވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދައެއް ނުދޭނެ އެވެ.
ގެސްޓްހައުސްތައް ހުޅުވުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތަކާއި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ޑްރާފްޓް ގައިޑްލައިނެއް ތައްޔާރުކޮށް، ގެސްޓްހައުސްތަކަށް އެ ގައިޑްލައިން ފޮނުވައިފަ އެވެ.
"ވަން" އަށް ކޮޕީއެއް ލިބިފައިވާ އެ ގައިޑްލައިންގައި ރަށު ފެންވަރުގައާއި ގެސްޓްހައުސް ފެންވަރުގައި ވެސް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހިމަނާފައިވެ އެވެ. އެގޮތުން ގެސްޓްހައުސްތަކުން ފުރިހަމަ ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ކޮވިޑް ސޭފް ޕްލޭނެއް ތައްޔާރު ކުރަންޖެހެ އެވެ. ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދޫކުރާނީ އެ ޕްލޭން ބެލުމަށްފަހުގަ އެވެ.
އެ ޕްލޭންގައި ގެސްޓްހައުސްގެ ފަރާތުން ރަށުގައި އުފައްދާފައިވާ ކޮވިޑް ޓާސްކު ފޯހާ މުއާމަލާތްކުރާނެ ފޯކަލް ޕޮއިންޓެއް ހަމަޖެއްސުމާއި އަލާމާތް ހުންނަ ފަތުރުވެރިޔަކު، އޭނާގެ ކޮވިޑް ނަތީޖާ ލިބި ފެސިލިޓީއަކަށް ގެންދެވެންދެން ވަގުތީ ގޮތުން އެކަހެރިކުރާނެ ކޮޓަރިއެއް ގެސްޓްހައުސްގެ ތެރޭގައި ހަމަޖައްސަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ގެސްޓްހައުސް ތެރޭގައި ބަލި ނުފެތުރޭނެ ގޮތަށް ފިޔަވަޅުތައް އެޅުމާއި ކޮވިޑަށް ޝައްކުކުރެވޭ ކޭސްއެއްގެ ކައިރިއަށް ދިއުމަށް ޕީޕީއީ ބެހެއްޓުމާއި އަތް ދޮވެވޭނެ އިންތިޒާމާއި އިންފްރާ ރެޑް ތާމޯމީޓަރެއް ހިމެނޭހެން ބޭސިކް ފަސްޓް އެއިޑް ހުންނަން ޖެހެ އެވެ.
ގައިޑްލައިންގައި އިތުރަށް ބުނީ ގެސްޓަހައުސްތައް ހުޅުވުމަށްފަހު ގެސްޓުންނާއި އެރަށެއްގެ އާންމުން އާންމު ތަންތަނަށް އެއްވާން ޖެހޭނީ މާސްކު އަޅައިގެންނެވެ. އަދި ޓޫރިސްޓުންނަށް އާންމުން ދިރިއުޅޭ ގެތަކަށް ވަނުމަކީ މަނާ ކަމެކެވެ.
ގެސްޓްހައުސް
ގެސްޓްހައުސް
ގެސްޓްހައުސް