ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް، ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުން މިއަދު ނިންމާލައިފި އެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދެފަރާތުން ދެއްކެވި ވާހަކަތައް އަޑުއެހުމަށްފަހު މިއަދުގެ ޝަރިއަތުގެ މަޖިލިސް ނިންމަވައިލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، މި ޝަރިއަތްތަކުގެ އަޑުއެހުންތައް ދެން ނިމުނީ ކަމަށާއި އިތުރު ކަމެއް އޮޅުން ފިލުވަންނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަކީވެސް، އެމްއެމްޕީއާރުސީ ގެ ހިޔާނާތާ ގުޅިގެން އުފުލާފައިވާ ދައުވާތަކެކެވެ.

އޭގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.

އެ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލް ކުރީ، މިދިޔަ ޖުލައި މަހުއެވެ.

ކްރިމިނަލް ކޯޓުން ބުނީ، އެ ދައުވާތައް ބާތިލް ކުރީ، އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި އެއްބާރުލުން ދިނުމަށް، އަދީބާ އެކު ދައުލަތުން ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމަކީ ގޯސްކޮށް ހަދާފައިވާ އެއްބަސް ވުމަކަށް ވާތީ ކަމަށެވެ.

މިއަދުގެ އަޑު އެހުމުގައި ކްރިމިނަލް ކޯޓުން ދައުވާތައް ބޭރުކޮށްލި، މައްސަަލައާ ގުޅިގެން ޕީޖީގެ ފަރާތުން ވަނީ ނުވަ ނުކުތާއެއް ހުށަހަޅައިފައެވެ.

އެނުކުތާތަކަށްފަހު ޕީޖީ ވަކީލު ކޯޓުގައި އެދިވަޑައިގަތީ، އެ މައްސަލަތައް އަލުން ބެލުމަށް، ހައިކޯޓުން ކްރިމިނަލް ކޯޓަށް ފޮނުއްވައިދެއްވުމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، އަދީބުވެސް އެދިފައިވަނީ، ދައުލަތުން ހުށަހެޅިގޮތަށް، އެ ދައުވާތައް އަލުން ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިއުމަށް ހައިކޯޓުން ކަނޑައަޅައި ދެއްވުމަށެވެ.