ގދ. ހޯނޑެއްދޫން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 202 މީހުން ހިމެނޭ ކަމަށާއި އޭގެ ތެރެއިން ހައިރިސްކް 18 މީހުން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ މިހާތަނަށް ހޯނޑެއްދޫން 38 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހައި ރިސްކް އަށް މީހުން ހިމެނޭ ކަމަށެވެ.

"މިހާތަނަށް 202 މީހުން ކޮންޓެކްޓުންގެ ގޮތުގައި ވަނީ ފާހަގަކުރެވިފައި. ކޮންޓެކްޓުންގެ ތެރޭގައި ގާތްގަނޑަކަށް 18 މީހުން އެބަ އުޅޭ ހައި ރިސްކް މީހުން. މިހާތަނަށް ޕޮޒިޓިވް މީހުން އެރަށުގެ ހަ ޕަސެންޓް ގޭބިސީން ފެނިފައި މިވަނީ. 19 ޕަސެންޓް ގޭބިސީގައި ކޮންޓެކްޓްވީ މީހުން އެބައުޅޭ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އިއްޔެ އާއި މިއަދު އެރަށުން 11 ސާމްޕަލްއެއް ނަގާފައިވާ ކަމަށާއި އެއީ އެންމެ ފުރަތަމަ ކޮންޓެކްޓްވީ މީހުންގެ ތެރެއިން ފަސް މީހެއްގެ ރިލީޒް ސާމްޕަލް އާއި އަލާމާތްތައް ފެނިގެން ނެގި ހަ ސާމްޕަލް ކަމަށެވެ. އޭގެ ތެރެއިން އެކަކުގެ ސާމްޕަލް ލިބިފައިވާ ކަމަށާއި އޭނާ ބައްޔަށް ނެގެޓިވް ކަމަށެވެ. އަދި ބާކީ ހުރި ސާމްޕަލްތަކުގެ ނަތީޖާ ވަރަށް އަވަހަށް ލިބޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އެރަށަށް އެންމެ ފުރަތަމަ ބަލި ގޮސްފައިވާ ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މައުލޫމާތު ލިބިފައިވާ ފަރާތްތަކުން އަވަހަށް މައުލޫމާތު ހުށަހެޅުމަށް އެދޭ ކަމަށެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ނުނިންމާ ކަމަށާއި އެގޮތަށް ނިންމާފައިނުވަނީ އެރަށުގައި ބަލި ފެތުރެމުންދަނީ އެއް ކްލަސްޓާއަކުން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި އާއިލާއެއްގެ ހަތަރު މެންބަރެކެވެ. ކަރަންޓީނުން ދޫކޮށްލުމަށް ނެގި ރިލީސް ސާމްޕަލުން އެމީހުން ޕޮޒިޓިވްވިކަން އެނގުނީ މިމަހުގެ ތިންވަނަ ދުވަހުއެވެ.

ނަމަވެސް މިދިޔަ ހަފުތާގެ ހުކުރު ދުވަހު ފުރަބަންދުގައި ތިބި މީހުންނާ ގުޅުމެއް ނެތް ދެ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރި އިރު، އެމީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު އެރަށުން އިތުރު 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހޯނޑެއްދުއަށް ކޮވިޑް ބަލި ދިޔައީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ އިރު، ހޯނޑެއްދޫ އާއި ކޯސްވޭއަކުން ގުޅިފައި އޮންނަ މަޑަވެލި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.