ވަޒީރު ކަމުގައި އަމަލުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަންގަވާ ގޮތެއްގެ މަތީން ކަމަށާއި އަމިއްލައަށް މަގާމުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ފަދަ ކަމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒު އިސްމާއީލް، އަމިއްލައަށް މަގާމުން އެކަހެރިވެވަޑައިގަތުމަށް އެދިވަޑައިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅެއް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އިއްޔެ ވަނީ ފޮނުއްވައިފަ އެވެ.
ރައީސް ނަޝީދު ހަސަން ލަތީފަށް އިއްޔެ ފޮނުއްވި ސިޓީގެ ކޮޕީއެއް "ވަން" އަށް ވަނީ ލިބިފަ އެވެ. އެ ސިޓީ މިހާރު ގައުމީ މަޖިލީހުގެ މެންބަރުންނާ ވެސް ހިއްސާ ކުރައްވާފައިވާކަން ވަނީ އެނގިފަ އެވެ.
އެ ސިޓީގައި ރައީސް ނަޝީދު ވިދާޅުވީ، ފައްޔާޒު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވުމަށް ދަންނަވާ ސަބަބަކީ އެމްޑީޕީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ. އެމްޑީޕީގެ އެއްވެސް މެންބަރަކާއި އެހެން އެއްވެސް ފަރާތަކާ ވެސް އެއްވެސް އިރެއްގައި ޒާތީ ކަމެއް ނޯންނާނެ ކަމަށާއި އެއްވެސް މިނިސްޓަރަކާ ވެސް ޒާތީ މައްސަލައެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރު މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާއި ހަވާލުވެފައިވަނީ ސިޔާސީ މަސައްކަތެކެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރަކުން ދެކޭނަމަ، މިނިސްޓަރު ފައްޔާޒު އަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަރު އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ،" ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ނުކުމެ ހުންނެވީ ވޯޓުގެ އަދަދެއް ހޯއްދެވުމަށް ނޫން ކަމަށާއި މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ޒަމާންވީ ތަސައްވަރު ހަގީގަތަކަށް ހެއްދެވުމަށް ކަމަށެވެ. އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް އެ ނުކުތާއަށް ވިސްނާލެއްވުމަށް ސިޓީގައި އެދިވަޑައިގެންފައި ވެއެވެ. އެ ސިޓީ އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުންނަށް ފެންނާނެ ގޮތެއް ހެދުމަށް ވެސް ނަޝީދު އެދިވަޑައިގެންފައި ވެއެވެ.
"ވަން އޮންލައިން" އަށް ދާދި ދެންމެ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރައީސް ނަޝީގެ ސިޓީގައި އެދިވަޑައިގެންފައި އެވާ ގޮތަށް، އެ ސިޓީ އެމްޑީޕީގެ ވީހާވެސް ގިނަ މެންބަރުންނަކަށާއި އަދި ވީހާވެސް ގިނަ ރައްޔިތުންނަކަށް ފެނުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަމިއްލައަށް އިސްތިއުފާ ދެއްވަން ގަސްދުނުކުރައްވާ ކަމަށާއި އެފަދަ ގޮތަކަށް އަމަލުކުރައްވަން ޖެހިވަޑައިގަންނަވާ ސަބަބެއް އޮތް ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސާފު ޖަވާބަކީ އަޅުގަނޑު ކަން ކުރާނީ ރައީސް އަންގަވާ ގޮތަކަށޭ. އަމިއްލައަށް ވަކިވާށޭ ކިޔައި އެދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ މަގާމުން ވަކިވުމަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވައިފި ނަމަ އެކަން ކުރައްވާނެ ކަމަށާއި އެހެން ނޫން ނަމަ، ރައީސް އަދި ބޭނުންފުޅު ނުވިޔަސް މަޖިލިސް ތެރެއިން އެ އޮންނަ ރަސްމީ ޕްރޮސެސް ތެރެއިން އެކަން ގެންދެވޭނެ ކަމަށެވެ.
މަޖިލިސް ރައީސް ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި ފައްޔާޒްގެ އިތުބާރު ނެތްކަމުގެ ލިޔުމުގައި 30 މެންބަރަކު ވަނީ ސޮއިކުރައްވައިފަ އެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ 35 މެންބަރުންގެ ސޮއި ހަމަކޮށް ރައީސް ސޯލިހަށާއި އެމްޑީޕީގެ ގައުމީ މަޖިލީހަށް އެމައްސަލަ ވެއްދުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
މިނިސްޓަރު ފައްޔާޒް މަގާމުން ވަކި ކުރުމުގެ މަސައްކަތް ނަޝީދު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފައްޓަވައިފައި ވާއިރު، ރައީސް އިބްރާހީމް ސޯލިހު ވަނީ އެއަށް ފާޅުގައި ޖަވާބުވެސް ދެއްވައިފަ އެވެ. އެގޮތުން މިނިސްޓަރު ފައްޔާޒަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި މަގާމު ދިފާއުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް