ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ނޫހެއް އަދި މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ޝިހާބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވި އިރު، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅު ލިޔުންތައް ޝާއިއުކުރާ ދެ ވެބްސައިޓެއް ރޭ ވަނީ ބްލޮކްކޮށްފައެވެ. އެއީ ކުރުސީ.ކޮމް އަދި ދިޔަވަރު.ކޮމް އެވެ.
މިދިޔަ ދުވަސްތަކުގައި އެ ދެ ސައިޓުންވެސް ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑުކިޔައި ލިޔުންތައް ޝާއިއުކޮށްފައިވެއެވެ.
އެކަމާ ގުޅިގެން ޝަހީބު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ސަރުކާރާ ދެކޮޅު 2 ސައިޓެއް ބްލޮކް ކުރުމުން އިދިކޮޅު މައި ޕާޓީ، އެމްޑީޕީންނާއި އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެގޮތުން އެމްޑީޕީގެ ޗެޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރަށް ފާޑުކިޔާ ހަބަރު ފަތުރާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ވަރަށް ނުރައްކާތެރި ސިގްނަލެއް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.
އަދި މި ސަރުކާރުގެ އަނިޔާވެރިކަން ފުޅާވުމަށް މިހާރު އޮތް ހަމައެކަނި ހުރަހަކީ ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ނެތުން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު