ދެވަނަ ބުރަކަށް ގޮސް ވެރިޔަކު ހޮވުމުގެ ނިޒާމުގެ ބަދަލުގައި، އެއް ބުރުން އިންތިހާބު ނިމޭ ގޮތަށް ހެދުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ދެކޮޅު ހައްދަވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެ މަނިކުފާނު ވަކާލާތު ކުރައްވަނީ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ކަމަށް ވިދާޅުވެފަ އެވެ. އޭގެ ކުރިން ރައީސް ވަނީ އެއްބުރުން ރިޔާސީ އިންތިހާބު ނިންމުމުގެ ނިޒާމެއް ގާއިމުކުރުމަށް ފެނޭތޯ ބެލުމަށް، މި އަހަރުގެ ތެރޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްދިއުމާ ގުޅޭ ގޮތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕާވެސް މަޝްވަރާ ކުރައްވައިފަ އެވެ.

އެކަމާ ދެކޮޅުކަން ހާމަކުރައްވައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ ކަމަށެވެ.

އަދި ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަގުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު ކަމަށްވެސް ވިދާޅުވި އެވެ.

"ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު [ހަރަދު ކުޑަކުރުން] ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށާއި އެ ދެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

ނަމަވެސް ފައްޔާޒު ވަނީ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމަށް ތާއީދު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަސައްވުރުތައް އެއްގޮތް ކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބިގެންދާނެ އެވެ.

އެހެންކަމުން މިކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަންޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.