ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސް ވުމުގައި ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާގެ ހާލަތްތަކުގައި، ކުއްޔަށް އުޅޭ މީހުން އެމީހުން އުޅޭ ތަނުން ނެރޭނަމަ 60 ދުވަހުގެ ނޯޓިހެއް ދޭންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށް، މަޖިލީހަށް ހުށަހެޅި މި ބިލު މިއަދު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލް ގާނޫނަކަށް ވެ އަމަލު ކުރަން ފެށުމުން މިހާރު މިއޮތް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ކުއްޔަށް އުޅޭ މީހުން ނެރުމުގައިވެސް ކުއްޔަށް ދީފައިވާ ފަރާތްތަކުން އަމަލު ކުރަން ޖެހޭނީ ބިލުގައި އެވާ ގޮތަށް ކަމަށް މި ބިލުގައި ކަނޑައަޅާފައި ވެއެވެ.

ބިލުގައި ވާ ގޮތުން ތަން ކުއްޔަށް ދީފައި ވަނީ ލިޔުމުން ވެވޭ އެއްބަސްވުމަކުން ނޫންކަމަށް ވިޔަސް، ތަން ދޫކޮށް ދިއުމަށް ތަނުގެ ވެރި ފަރާތަށް އެންގޭނީ މަދުވެގެން 60 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ. އެ މުއްދަތުގެ ކުރިން އެފަދަ ފަރާތެއް ނެރުމަށް އެންގުމާއި އެފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާގެ ހާލަތްތަކުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތައް ތަންފީޒު ކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދޭނެ ގޮތްތައްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތައް ތަންފީޒު ކުރުމުގައި ފުލުހުން ހަރަކާތްތެރިވާއިރު، ފުލުހުންނަށް ލިބިދީފައިވާ ބާރުތައްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ޑީޖީގެ އެންގުމާ ހިލާފަށް ތަނެއްގައި އެއްވެ އުޅޭނަމަ އެއްވުން ރޫޅާލުމާއި ކުރަން ޖެހޭ ޖޫރިމަނާ ވަގުތުންކޮށް، ހައްޔަރު ކުރަން ޖެހޭ މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.

ބިލުގައިވާގޮތުން ޑީޖީގެ އެންގުންތަކާ ހިލާފުވާ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ 1،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދު، ޖޫރިމަނާ ކުރުމަށާއި އެއީ ގާނޫނީ ޝަހުސެއް ނަމަ 5،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

"މިގާނޫނަށް އަމަލު ކުރަން ފަށާއިރު ކޮވިޑް 19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކާބޯތަކެތި ނުލިބި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް، ނުވަތަ މި ގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު އެހާލަތު މެދުވެރިވާ ފަރާތްތަކަށް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ހާލަތު ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށް ބަޔާންކުރާ މުއްދަތުގެ ނިޔަލަށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދޭން ވާނެ،" ބިލުގައި ވެއެވެ. ހަމަ އެގޮތަށް މަގުމަތިވެފައިވާ ފަރާތްތަކަށް، ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޯށްދޭން ވާނެ ކަމަށްވެސް ބިލުގައި ހިމަނާފައި ވެއެވެ.

މި ބިލުގައިވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ރާއްޖޭއިން ބޭރުން އައިސް ނުވަތަ އެއްވެސް ހާލަތެއް ދިމާވެގެން ކަރަންޓީނުގައި ހުންނަން ޖެހޭ މުވައްޒަފަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި މުސާރަ ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ޖެހޭނެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ވެސް ހަމަ އެގޮތަށް ހާއްސަ ޗުއްޓީ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ކޮވިޑަށް ޕޮޒިޓިވް ވާ މީހުންނަށް ސަލާމުގެ ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށާއި، އެގޮތަށް ޗުއްޓީދޭން ޖެހެނީ ކޮވިޑަށް ޕޮޒިޓިވް ވި ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ ލިޔުން ވަޒީފާ ދޭ ފަރާތަށް ހުށަހެޅުމުން ކަމަށްވެސް ބުނެފައިވެއެވެ.

ބައްޔަށް ޕޮޒިޓިވް ވެފައިވާ ފަރާތެއްގެ އާއިލާގެ މީހަކު، އޭނާއަކީ އެމީހާ ބެލުން ހަވާލުވެފައިވާ މީހެއް ކަމުގައި ވާނަމަ އެމީހަކަށްވެސް ހާއްސަ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ކޮވިޑާ ގުޅިގެން ދޭ ޗުއްޓީގެ މުއްދަތަކީ އެމީހަކަށް ހައްގުވާ އެހެން ޗުއްޓީތަކުން އުނި ކުރެވޭނެ ޗުއްޓީއެއް ނޫން ކަމަށްވެސް ބިލުގައިވެއެވެ.