ކޮވިޑް 19އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުނަށް ސަރުކާރުންދޭ އިންކަމް ސަޕޯޓު އެލަވަންސްގެ ތެރެއިން ފާއިތުވި ޖުލައި މަހުގެ އިތުރުން އޮގަސްޓް އަދި އަންނަ ސެޕްޓެމްބަރު މަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ މުއްދަތު އިކޮނޮމިކް މިނިސްޓްރީން އިތުރުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ދޭ އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުސޫލުގެ ދަށުން ދެވަނަ ބުރުގައި އެލަވަންސް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދެވަނަ ބުރުގައި އެލަވަންސް ދިނުމަށް ނިންމާފައިވަނީ ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން ޖުލައި މަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރު 15 ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި އޮގަސްޓު މަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 30 ސެޕްޓެމްބަރު ކަމަށާއި ސެޕްޓެމްބަރު މަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 30 އޮކްޓޫބަރު ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި އެލަވަންސަށް އެދި ހުށަހެޅޭނީ ހަމައެކަނި https://jobcenter.mv/ މެދުވެރިކޮށް، އޮންލައިން ފޯމަކުންނެވެ. އަދި ޖޮބް ސެންޓާ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅަން އުޒުރުވެރިވާ މީހުން އީފާސްގައި ރަޖިސްޓްރީ ވުމަށްފަހު، އޮންލައިން ފޯމް ފުރިހަމަކޮށް އެ ފޯމު ހުށަހެޅުމަށް މިނިސްޓްރީން އެދިފައި ވެއެވެ. އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އީފާސްގައި ރަޖިސްޓްރީ ވުމާއި އެޕްލިކޭޝަން ހުށަހެޅުމާއި ބެހޭ ތަފުސީލު ޖޮބްސެންޓާ ވެބްސައިޓުން ލިބޭނެއެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑް 19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ. އެގޮތުން އޮގަސްޓް މަހުގެ 13 ވަނަ ދުވަހާ ހަމައަށް އިންކަމް ސަޕޯޓުގެ ގޮތުގައި 43.6 މިލިއަން ރުފިޔާ 10522 މީހަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.