ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރުކުރި މީހުންނަށް ތަމްރީނު ދިނުމަށް ހާއްސަ ޕްރޮގްރާމްތަކެއް ބާއްވަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނީ އެ މިނިސްޓްރީ އާއި ވޯލްޑްބޭންކް ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ޕްރޮޖްކެޓުގެ ދަށުން ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ކޯހާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވިޔަފާރި ކުރުމަށް ބޭނުންވާ ހުނަރާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައެވެ. އެ ޕްރޮޖެކްޓުގެ ދަށުން މައިގަނޑު ތިން ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ޝާއިއުކޮށްފައިވާ ތަމްރީނު ޕްރޮގްރާމުތަކުގެ އުސޫލުގައިވާ ގޮތުން ވަޒީފާއަކަށް ނުދާ ނޫނީ ޕާޓް ޓައިމް ވަޒީފާއެއްގައި އުޅޭ 16 އަހަރާއި 65 އަހަރާ ދެމެދުގެ އެންމެނަށް މި ޕްރޮގްރާމުތަކުގައި ބައިވެރިވެވޭނެއެވެ.
ކޯސްތަކަށް މީހުން ހޮވުމުގައި އިސްކަންދެނީ، ސަރުކާރުން ހިންގި އިންކަމް ސަޕޯޓް އެލަވަންސް ލިބުނު މީހުންނަށެވެ. އަދި ޕްރޮގްރާމުގެ ބައިވެރިންނަށް އިނާޔަތެއްގެ ގޮތުން މަހަކު 5،000 ރުފިޔާ ލިބޭނެއެވެ. އެލަވަންސް ލިބޭނީ ކޮންމެ މަހެއްގެ ހާޒިރީ 75 ޕަސެންޓަށްވުރެ މަތިވުމުންނެވެ.
ނަމަވެސް ސްކިލްސް ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވާ މީހަކަށް އެ ޕްރޮޖެކްޓުގެ ދަށުން ހިންގާ އެޕްރެންޓިސްޝިޕް ނޫނީ މާލީ އެހީ ލިބޭ ޕްރޮގްރާމެއްގައި ބައިވެރިނުވެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އެ ޕްރޮގްރާމްތަކުގެ ތަފްސީލް އަދި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި މިނިސްޓްރީން އަމަލު ކުރާނެ އުސޫލުތައް ޖޮބް ސެންޓަރު ވެބްސައިޓުގައި ޝާއިއު ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.