އިންކަމް ސަޕޯޓް އެލަވަންސް ލިބުނު މީހުންގެ މައުލޫމާތު ލިސްޓު އާންމުކުރެއްވުމަށްފަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މައާފަށް އެދިވަޑައިގެންފިއެވެ.

ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން އެލަވަންސެއްގެ ގޮތުގައި 5000 ރުފިޔާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން 22،858 މީހަކަށް ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދީފައެވެ. އެކަމަށް 419 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންކަމް ސަޕޯޓް އެލަވަންސަށް ސަރުކާރުން ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޓުވިޓާގައި ބައެއް މީހުން ސުވާލުކުރުމުން މިނިސްޓަރު ފައްޔާޒް މިރޭ ކުރެއްވި ޓުވީޓުތަކެއްގައި އެމީހުންނަށް ޖަވާބު ދެއްވާފައިވަނީ އިންކަމް ސަޕޯޓު އެލަވަންސް ލިބުނު މީހުންގެ ތަފުސީލީ މައުލޫމާތުތައް ހިމެނޭ ލިސްޓާއެކުއެވެ.

މިނިސްޓަރު ފައްޔާޒް އާންމުކުރެއްވި ޖޮބް ސެންޓަރުގެ ވެބްސައިޓަށް އަޕްލޯޑުކޮށްފައިވާ އެ ލިސްޓުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސް ދިން މީހުންގެ ނަންތައް ވަނީ ހިމަނައިފައެވެ. އެ ލިސްޓުގައި އެމީހުންގެ އައިޑީކާޑް ނަމްބަރާއި ރަށާއި އެޑްރެހާއި ވަޒީފާ އަދާކުރަމުން އަންނަ ތަނުގެ ނަމާއި މަގާމާއި ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި އެމީހަކަށް ދިން ފައިސާގެ އަދަދު ވެސް ހިމަނާފައިވެއެވެ.

މިނިސްޓަރު ފައްޔާޒް އެ ލިސްޓު އާންމުކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ޒާތީ މައުލޫމާތުތައް އާންމުކުރުން ބަލައިނުގަނެވޭނެ ކަމަށް ބުނެ މިނިސްޓަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. ތައުލީމީ މިނިސްޓަރެއްގެ ފަރާތުން އެފަދަ ކަމެއް ފެނުމުން ހައިރާންވާ ކަމަށާއި މީހުންގެ ހުއްދައަކާ ނުލައި ޒާތީ މައުލޫމާތުތައް ހިމެނޭ ލިސްޓެއް އާންމުކުރުން ގޯސް ކަމަށް ބުނެ ބައެއް ފަރާތްތަކުން ޓުވިޓާގައި ނުރުހުން ފާޅުކޮށްފައިވެއެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން މިނިސްޓަރު ފައްޔާޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަނގަޅަށް ބަލައިނުލެވި ހުރިހާ މައުލޫމާތެއް އާންމުކުރެވުމުން މައާފަށް އެދޭ ކަމަށާއި އެކަން ރަނގަޅު ކުރައްވާނެ ކަމަށެވެ. ނަމަވެސް އައިޑީ ކާޑް ނަމްބަރުތައް އުނިކުރުމަށްފަހު ކުރިއަށްއޮތް ތަނުގައި ވެސް ލިސްޓު އާންމުކުރައްވަމުން ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ލިސްޓު މިނިސްޓަރު އާންމުކުރެއްވި އިރު، މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު ވިދާޅުވީ އިންކަމް ސަޕޯޓް އެލަވަންސް ދިން މީހުންގެ މައުލޫމާތު ސަރުކާރުން އާންމު ނުކުރާނެ ކަމަށެވެ.