އޮޅުވާލައިގެން 217 ފަރާތަކުން އިންކަމް ސަޕޯޓް އެލަވަންސް ހޯދާފައިވާ ކަމަށާއި ގިނައީ ވަޒީފާގައި އުޅޭ ފަރާތްތައް ކަމަށް އޮޑިޓް އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.
އިންކަމް ސަޕޯޓް އެލަވަންސް ސްކީމުގެ ޕާފޯމެންސް އޮޑިޓް ރިޕޯޓުގައި ވަނީ އެލަވަންސަށް އެދޭ ފަރާތްތަކަށް އިތުރު އާމްދަނީއެއް ލިބޭކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގައުމީ ފެންވަރުގައި ގާއިމުކުރެވިފައި ނުވާ ކަމަށާއި އެ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި އިކޮނޮމިކް މިނިސްޓްރީއަށް ދަތިތަކެއް ހުރި ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެ މިނިސްޓްރީ އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހުގެ ސިސްޓަމްތަކާ ގުޅުވާލެވިފައި ނުވުމުގެ ސަބަބުން އިންކަމް ސަޕޯޓް އެލަވަންސްގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި އެލަވަންސަށް އެދުނު ފަރާތަށް އެހެން އާމްދަނީއެއް ލިބުނު ނަމަވެސް، އެކަން ދެނެގަނެވެން ނެތް ކަމަށްވެސް އޮޑިޓުގައިވެއެވެ.
މީގެ އިތުރުން ނަގުދު ފައިސާ އިން އާމްދަނީ ލިބޭ ގިނަ ފަރާތްތަކަކީ މާލީ ނިޒާމުގެ ތެރެއަށް ވަންނަ ފަރާތްތަކަކަށް ނުވުމުގެ ސަބަބުން އެފަދަ ފަރާތްތަކުން އެލަވަންސަށް އެދި ހުށަހެޅި ނަމަވެސް، އެ ފަރާތްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދު ކަށަވަރުކުރެވޭނެ ގޮތެއްވެސް ނެތް ކަމަށް ރިޕޯޓުގައިވެއެވެ.
މިހެންވުމުގެ ސަބަބުން އާމްދަނީ ލިބޭ ފަރާތްތަކަށްވެސް އޮޅުވާލުމެއްގެ ތެރެއިން އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާކަމާއި އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވަންސް ދެވުމުގެ ބިރު އޮތް ކަމަށެވެ.
"އެގޮތުން ރީފަންޑަށް އެދެންޖެހޭ އެޕްލިކޭޝަންގެ ގޮތުގައި 217 އެޕްލިކޭޝަނެއް ފާހަގަކުރެވިފައިވާ އިރު، މިފަދައިން އެންމެ ގިނައިން އަނބުރާ ފައިސާ ހޯދަން ޖެހިފައިވަނީ ވަޒީފާގައި އުޅެމުންދިޔަ ފަރާތްތަކަށް އެލަވަންސް ދެވިފައިވުމުގެ ސަބަބުން." ރިޕޯޓުގައިވެއެވެ.
އެގޮތުން 217 ފަރާތަކާ ގުޅޭ މިފަދަ މައްސަލަތަކުން މިހާތަނަށް 409,969 ރުފިޔާ ދައުލަތަށް އަނބުރާ ލިބެންޖެހޭ ކަމަށް މިނިސްޓްރީގެ ރިވިއުތަކުން ފާހަގަކުރެވިފައިވާ ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް އޮޑިޓުގައިވެއެވެ.
އޮޑިޓް ރިޕޯޓުގައިވަނީ އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އިންކަމް ސަޕޯޓް އެލަވަންސް ތައާރަފު ކުރި ހިސާބުން ފެށިގެން އެލަވަންސް ދެވޭ އުސޫލު ހަރުދަނާކުރުމަށް އެކި ފިޔަވަހީގައި މަސައްކަތް ކޮށްފައިވާ ކަމަށާއި ވަގުތާއި ހާލަތާއި ލިބެންހުރި ވަސީލަތްތަކަށް ރިއާޔަތްކޮށް މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނަމަވެސް އިންކަމް ސަޕޯޓު އެލަވަންސަށް އެދި ހުށަހެޅި ބައެއް ފަރާތްތަކުގެ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި ދަތިތަކެއް ކުރިމަތިވެ، ޝަރުތު ފުރިހަމަ ނުވާ ބައެއް ފަރާތްތަކަށް ފައިސާ ދޫކުރެވިފައިވަނީ ދައުލަތުގެ ފެންވަރުގައި އެ ކަންކަން ބެލޭނެ ނިޒާމެއް ގާއިމުކުރެވިފައި ނެތުމުން ކަމަށް ރިޕޯޓުގައިވެއެވެ.
- އިންކަމް ސަޕޯޓް އެލަވަންސް ދެވިފައިވާ ފަރާތްތަކުގެ ލިޔެކިޔުންތައް ސާމްޕަލް އުސޫލުން ރިވިއުށް، އެލަވަންސަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވަންސް ދެވިފައިވާނަމަ، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުން އަވަސްކުރުމަށާއި ސައްހަ ނޫން ލިޔެކިޔުންތައް ހުށަހެޅުމުގެ ސަބަބުން އެލަވަންސަށް ޝަރުތުހަމަވެ، ފައިސާ ލިބިފައިވާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުން
- ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ސްކީމްތަކެއް ތައާރަފު ކުރުމުގެ ބޭނުން ޖެހިދާނެތީ، އެކަމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީގެ އިސްނެގުމުގެ މަތިން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އިގުތިސާދުގެ ރަސްމީ ދާއިރާ އާއި ނުރަސްމީ ދާއިރާވެސް ހިމެނޭގޮތަށް އެކި ގޮތްގޮތުން އާމްދަނީ ލިބޭ ފަރާތްތަކުގެ ރަޖިސްޓަރީއެއް ގާއިމުކޮށް، އެ ފަރާތްތަކާބެހޭ މައުލޫމާތު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން
- ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި ދަތިތަކާ ކުރިމަތިވެ، ޝަރުތު ފުރިހަމަނުވާ ފަރާތްތަކަށް ފައިސާ ދޫކުރެވުން ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން ގައުމީ ފެންވަރުގައި މިފަދަ ކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިކަން ދެނެގަތުމަށްޓަކައި މިނިސްޓްރީގެ އިސްނެގުމުގެ މަތިން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރުން
ޚަބަރު
ޚަބަރު
ޚަބަރު