ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދިން އިންކަމް ސަޕޯޓް އެލަވަންސް އޮޅުވާލައިގެން ހޯދި މީހެއްގެ މައްޗަށް ދައުވާ ކުރުމުން އެ މީހާ އެ ފައިސާ އަނބުރާ ދައްކައިފިއެވެ.

އެ މައްސަލާގައި ދިިވެހި ދައުލަތުގެ ފަރާތުން ދައުވާ ކުރީ، ހ. ކެލާމާވިލާ/ އަހުމަދު ސަރާހުގެ މައްޗަށެވެ. އޭނާއަށް ކޮށްފައިވަނީ ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ތަބީއަތުގެ ދައުވާއެވެ.

މި މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، އިންކަމް ސަޕޯޓްގެ ގޮތުގައި އޭނާ 5000 ރުފިޔާ ހޯދީ ހުށަހެޅި ފޯމުގައި ސައްހަ ނޫން މައުލޫމާތު ހިމަނައިގެން ކަމަށެވެ.

އެ ފައިސާ އަނބުރާ ދައްކަން ތަކުރާރުކޮށް އޭނާގެ ކިބައިން އެދުމުންވެސް އެ ފައިސާ އަނބުރާ ދައްކާފައި ނުވާ ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރުމުން އޭނާ ވަނީ ދައުވާ އަށް އެއްބަސްވެފައެވެ.

އެހެންކަމުން 1 ސެޕްޓެމްބަރު 2022ގެ ކުރިން ފައިސާ ދައްކަން އެއްބަސްވެ އެ މުއްދަތުގައި އޭނާ ފައިސާ ދައްކާފައިވާ ކަމަށްވެސް ހުކުމުގައިވެއެވެ.

އެކަމާ ގުޅިގެން ކޯޓުގައި އޭނާގެ މައްޗަށް ކުރި ދައުވާ އިކޮނޮމިކް މިނިސްޓްރީން ވަނީ އަނބުރާ ގެންގޮސްފައެވެ.