އާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް، ޑރ. އަބްދުﷲ މައުސޫމް އަލުން އައްޔަން ކުރައްވައި މަޖިލީހުގެ ހުރުން ހޯދަން މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު، "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، މިމަހު ހަވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި މައުސޫމް ކުޑަ އޮޅުމެއް އަރާފައި ވުމުން، މިނިސްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި ކަމަށެވެ.
ހަމަ އެއާއެކު އިއްޔެ އަނެއްކާ އެމަގާމަށް ޑރ. މައުސޫމު އައްޔަން ކުރައްވާފައިވާ ކަމަށްވެސް ހޫދު ވިދާޅުވިއެވެ.
ޑރ. މައުސޫމު އެ މަގާމަށް އައްޔަން ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައިސުލްޖުމްހޫރިއްޔާ ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ. އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުވައިފައެވެ.
ޑރ.މައުސޫމް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައި އަލުން އެމަށް އައްޔަން ކުރައްވައި އަލުން ހުވައި ކުރެއްވުމުގެ މަރުހަލާ ކުރިއަށް ގެންދަން ޖެހުނީ މިމަހު ހައެއްގައި މައުސޫމު އެ މަގާމަށް އައްޔަންކުރައްވައި، ރުހުން ހޯއްދަވަން މަޖިލީހަށް ފޮނުއްވުމުން، ކޮމެޓީން އެ މައްސަލަ ދިރާސާކޮށް ރުހުން ދިނުމުގެ ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށް، މައުސޫމުގެ ހުވައިގެ ސައްހަ ކަމާމެދު ބައެއް މެންބަރުން ސުވާލު އުފެއްދެވުމާ ގުޅިގެންނެވެ.
ސުވާލު އުފެއްދެވި މެންބަރުން ވިދާޅުވީ އެއްވެސް މިނިސްޓަރަކު ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވެގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު މައުސޫމު މިނިސްޓަރު ކަމުގެ މަގާމުގެ ހުވައި ކުރެއްވިއިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ކަމަށާއި އެމަގާމުން އިސްތިއުފާ ދެއްވާފައި ނުވާކަމަށެވެ.
އެކަމާގުޅިގެން އެފަަހަރު، މައުސޫމަށް ރުހުން ދިނުމަށް ވޯޓަށް އެހުން މަޑުޖައްސާލައި އެ މައްސަލަ އަލުން ބެލުމަށް ކޮމިޓީއަށް ފޮނުވަން މަޖިލީހުން ފާސްކުރިއެވެ.
ދެން އެ މައްސަލަ ބެލުމަށްފަހު ކޮމިޓީން ނިންމީ ޑރ. މައުސޫމް މަގާމުގެ ހުވައި ކުރެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އުފައްދާފައިވާ ސުވާލުތަކާ ގުޅިގެން އޭނާ އަލުން މަގާމުގެ ހުވާ ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށެވެ.
ކޮމިޓީން އެގޮތަށް ނިންމީ މިދިޔަ ބުދަ ދުވަހުއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް