ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުސް އޮފީހަށް ވަޑައިގަންނަވަން އަންގައިފި އެވެ.

ރައީސް ވަހީދު ފުލުސް އޮފީހަށް ވަޑައިގަންނަވަން ފުލުހުން އެމަނިކުފާނަށް އެންގީ މިއަދު ހެނދުނު އެވެ.

"ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. ވަހީދު ދާދި ދެންމެ ވިދާޅުވީ ފުލުސް އޮފީހަށް ވަޑައިގަތުމަށް ފުލުހުން އެމަނިކުފާނަށް ދެންނެވީ އެމަނިކުފާނު ދިރިއުޅުއްވާ ގެޔަށް ގޮސް ކަމަށާއި އެއީ މީގެ އިރުކޮޅެއް ކުރީން ކަމަށެވެ.

"ފުލުހުންގެ ބޭފުޅުން މިގެޔަށް އައިސް އެދިވަޑައިގެންނެވީ. އަނެއްހެން ސީދާ ވަކި ގަޑިޔަކަށް ދާން އެންގީއެއް ނޫން. ވިދާޅުވީ މިއަދު އަޅުގަނޑަށް ފަސޭހަ ވަގުތެއްގަ ދިއުމަށް. އެހެންވީމަ ހަވީރު 4:00 އަށް ދާ ގޮތަށް ނިމިފަ މި އޮތީ." ޑރ. ވަހީދު ވިދާޅުވި އެވެ.

ޑރ. ވަހީދު ވިދާޅުވީ ފުލުހުން ސުވާލުކޮށް ސާފުކުރަން ބޭނުންވަނީ މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލު ބުރާ ގުޅޭ ގޮތުން ކަމަށެވެ.

ޑރ. ވަހީދު މިއަދު ފުލުސް އޮފީހަށް ހާޒިރުކުރަން ނިންމާފައިވާއިރު، މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖޭގައި އިދިކޮޅު ކޯލިޝަނުން ބޭއްވި އިހުތިޖާޖުގައި އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފަށް އެއްވެ އުޅުނު މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފަ އެވެ. އެ ދުވަހު މާލޭގައި ސައިކަލު ބުރެއް ބޭއްވި އިރު، އެ ސައިކަލު ބުރުގައިވެސް އިޖުތިމާއީ ގައިދުރުކަން ނެތް ކަމަށާއި ބައެއް މީހުން މާސްކު ވެސް ނާޅައި އުޅުނުކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ރައީސް ވަހީދު ވަނީ އެ ދުވަހު ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފަ އެވެ.