އެމަނިކުފާނުގެ ހާއްސަ މަންދޫބުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަގާމުން އިސްތިއުފާދެއްވަން އެންގެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު އިސްތިއުފާދެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ.
އެއީ ކުޑަދީންނަށް ޖިންސީ ގޯނާކުރުމަށް، އެ ކުދިން ޓްރެފިކިން ކުރަން ބޮޑު އޮޕަރޭޝަނެއް ހިންގި އެމެރިކާގެ ޖެފްރީ އެޕްސްޓެއިންއާ ބައްދަލުކުރެއްވި ކަން އާއްމު ވެފައި ވަނިކޮށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މައްސަލައިގައި ވަހީދާ މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅަނީ ކީއްވެތޯ ނޫސްވެރިޔަކު ކުރި ސުވާލާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް އެކަން އެނގިވަޑައިގެންނެވި ހިސާބުން އިސްތިއުފާ ދެއްވުމަށް ވަހީދަށް ދެންނެވި ކަމަށެވެ. ވަހީދު އިސްތިއުފާ ދެއްވީ އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، އެޕްސްޓީންއާއެކު ބޭއްވި ކަމަށް ބުނާ ބައްދަލުވުންތަކާއި އީމެއިލްތަކާ ގުޅޭގޮތުން އިންޓަނެޓުގައި ދައުރުވަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖެފްރީ އެޕްސްޓެއިންއާ ބައްދަލުކުރެއްވިއިރު އޭނާއާ ބެހޭ އެފަދަ ވާހަކަތަކެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"2008 ވަނަ އަހަރު އެޕްސްޓީންގެ މައްޗަށް ކުރެވުނު ދައުވާތަކާއި، އޭގެ ފަހުން އޭނާ ޖަލަށް ލެވުނުކަން ރައީސް ވަހީދަށް އެނގިވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން 2008 ވަނަ އަހަރު އޭނާގެ މައްޗަށް ސާބިތުވި ކުށުގެ ސީރިއަސްކަމާއި އޭނާގެ ނުބައި ސުލޫކު ރައީސް ވަހީދަށް ވަޒަންކުރެއްވިފައެއް ނުވެއެވެ. އެކަން އެނގިވަޑައިގަތް ނަމަ، ފުރަތަމަ ބައްދަލުވުމަށްފަހު އެ ގުޅުން ކުރިއަށް ނުގެންދިއުމަށް ރައީސް ވަހީދު ނިންމަވާނެއެވެ." އެ ބަޔާނުގައި ވެއެވެ.
އެޕްސްޓީން އާއެކު ކުރިއަށް ގެންގޮސްފައިވާ މުއާމަލާތްތަކަކީ، ނިއުޔޯކްގައި ތިބި އެންމެ ނުފޫޒުގަދަ ފަންޑް މެނޭޖަރުންނާއި ފައިނޭންޝަލް އެޑްވައިޒަރުންގެ ތެރޭގައި ހިމެނޭ، އަދި ރާއްޖޭގެ ބަޖެޓުގެ ބޭނުންތަކަށް އެހީތެރިކަން އިންތިހާއަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި އެކަމަށް ލަފާދެވިދާނެ ފަރާތެއްގެ ގޮތުގައި، ނުފޫޒުގަދަ އަދި އިހުތިރާމް ލިބިގެންވާ ދައުލަތުގެ އިސްވެރިންތަކެއް އެޕްސްޓީން ރެކޮމެންޑް ކުރެއްވުމާ ގުޅިގެން، ވަހީދު އޭނާއާ ބައްދަލުކުރެއްވީ މައުލޫމާތާއި، އިރުޝާދާއި، އެހީތެރިކަން ހޯއްދެވުމަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެޕްސްޓީންއަށް އެއްވެސް ފައިސާއެއް ދީފައި ނުވާނެ ކަމަށާއި އަދި އެހީތެރިކަމަށް އެދިފައިވީ ނަމަވެސް ވަހީދާ ނުވަތަ ދިވެހި ސަރުކާރާ އެކުވެސް އޭނާ އެއްވެސް މާލީ މުއާމަލާތެއް ހިންގާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު