ރާއްޖޭގެ ރައީސްކަންކޮށްފައިވާ ފަރާތްތަކުގެ އޮފީސް ހިންގަން ދައުލަތުގެ ބަޖެޓުން ކުރަމުން އަދި ހަރަދު ކަނޑާލަައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ފަރާތްތަކަށް އެލަވަންސް ހަމަޖެއްސުމަށް، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ގާނޫނުގެ އަށްވަނަ މައްދާގައި މިހާރު އޮންނަނީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނޭ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު 175,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށެވެ.
ނަމަވެސް މިއަދު ތަސްދީގުކުރެއްވި ބިލުން ވަނީ ގާނޫނުގެ އެ މައްދާ އުނިކޮށްފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތަކަށް މި ގާނޫނުން ދޭ މާލީ އިނާޔަތް މެދުކަނޑައިލެވޭނެ އިތުރު ހާލަތެއް ވެސް ވަނީ މި ބިލުގައި ހިމަނައިފައެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން މާލީ އިނާޔަތް މެދުކެނޑޭނީ ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތް ލިބެމުން ދަނިކޮށް، އެ މީހަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ، އެ މަގާމުން އެމީހަކު ވަކިވަންދެނެވެ.
ނަމަވެސް ރައީސްކަމުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވާ މުއްދަތުގެ އިތުރުން، ދައުލަތުގެ އެނޫންވެސް މަގާމަކާ ހަވާލުވާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ވެސް މާލީ އިނާޔަތް މެދުކެނޑޭނެ ކަމަށް މި ބިލުގައި ބުނެއެވެ.
ގާނޫނުގެ ފަސްވަނަ މާއްދާ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކާއި އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެއެވެ.
ނަމަވެސް އެ މީހަކީ ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހެއްނަމަ، ރާއްޖޭން ބޭރުގައި ދިރިއުޅޭ މުއްދަތުގައި އެ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމް ނޫން ކަމަށް ބިލުގައިވެއެވެ.
ކުރީގެ ރައީސުންނަށް ދޭންޖެހޭ އިނާޔަތުގެ ގޮތުގައި މިހާރު އޮތް ގާނޫނުގައި ހިމެނެނީ، ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު ދޭންޖެހޭ 50,000 ރުފިޔާ، ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، މަހަކު 75,000 ރުފިޔާއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މަރުވެއްޖެނަމަ، އެމީހާގެ އަނބިމީހާ އެހެން ކައިވެންޏެއް ކުރަންދެން، އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު، އެ މާލީ އިނާޔަތް ދައުލަތުން ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހައި ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.
ގާނޫނު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށާއި އެމީހާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް، އެމީހުން ރާއްޖޭގައި ދިރިއުޅޭ ރަށުގައި އެއްގަމު ދަތުރުފަތުރުކުރުމުގެ ވަސީލަތްތައް، ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދޭން ވެސް ވާނެއެވެ. އަދި ވައިގެމަގުން ދަތުރުކުރާނަމަ، އެމީހުން ރާއްޖޭގައި ދިރިއުޅޭ ރަށަކާއި އެއާޕޯޓާ ދެމެދު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައްވެސް ދައުލަތުގެ ހަރަދުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 30،000 ރުފިޔާ ދޭންވެސް މި ބިލުގައި ވަނީ ހިމަނައިފައެވެ.
މީގެ ކުރިން ނާއިބު ރައީސުންނަށް އިނާޔަތެއް ދޭގޮތަށް ގާނޫނަކު ނޯވެއެވެ.
ނަަމަވެސް ނައިބުކަން ކޮށްފައިވާ މީހަކު އެ މަގާމުން ވަކިވުމަށްފަހު، އިންތިހާބު ކުރެވޭ، ނުވަތަ އައްޔަންކުރެވޭ ދައުލަތުގެ އެއްވެސް މަގާމަކާ ހަވާލުވެއްޖެނަމަ އެ މަގާމު އަދާކުރަމުންދާ މުއްދަތުގައި އެ މާލީ އިނާޔަތްދިނުން މެދުކެނޑޭނެ ކަަމަށްވެސް ބުނެފައިވެެއެވެ.
މީގެއިތުރުން ރާއްޖެއިންނާއި ރާއްޖޭން ބޭރުން ދަައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް، ނައިބުރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.
ބިލުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހާ ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރިޔާސަތުގެ ފަސް އަހަރު ދުވަހުގެ ދައުރެއްގައި ނައިބު ރައީސް ކަމުގެ މަގާމުގެ ދައުރު ފުރިހަމަކޮށްފައިވާ މީހާއަށް ކަމަށެވެ.
އެހެންކަމުން މިހާތަނަށް ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަކުރެއްވި ހަމައެކަނި ނައިބު ރައީސް އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ފައިސަލް ނަސީމެވެ.
އެހެންކަމުން މި ގާނޫނުގައި ބަޔާންކުރާ އިނާޔަތް ލިބިވަޑައިގަންނަވާނީ ހަމައެކަނި ފައިސަލް އަށެވެ.
ކުރީގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންކަމަށްވާ މުހައްމަދު ވަހީދު، މުހައްމަދު ވަހީދުއްދީން (ޑީން) އާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު، އަބްދުﷲ ޖިހާދު އަދި އަހުމަދު އަދީބަށް، ނައިބު ރައީސްގެ ގޮތުގައި ފަސް އަހަރުގެ ދައުރެއް އަދާކުރައްވާފައިނުވެއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު