ކުޑަދީންނަށް ޖިންސީ ގޯނާކުރުމަށް، އެ ކުދިން ޓްރެފިކިން ކުރަން ބޮޑު އޮޕަރޭޝަނެއް ހިންގި ޖެފްރީ އެޕްސްޓެއިންއާ ބައްދަލުކުރެއްވިއިރު އޭނާއާ ބެހޭ އެފަދަ ވާހަކަތަކެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަގާމުން މިއަދު އިސްތިއުފާދެއްވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވަހީދުގެ އޮފީހުން މިއަދު ވަނީ، އެޕްސްޓީންއާއެކު ބޭއްވުނު ކަމަށް ބުނާ ބައްދަލުވުންތަކާއި އީމެއިލްތަކާ ގުޅޭގޮތުން އިންޓަނެޓުގައި ދައުރުވަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ވަހީދު ވިދާޅުވެފައިވަނީ އެޕްސްޓީންއާ ބޭއްވި ފުރަތަމަ ބައްދަލުވުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމުގައި (ޑިއު ޑިލިޖެންސް) ވަހީދާއި އެމަނިކުފާނުގެ ޓީމުން އިހުމާލުވެފައިވާ ކަމަށެވެ.
"2008 ވަނަ އަހަރު އެޕްސްޓީންގެ މައްޗަށް ކުރެވުނު ދައުވާތަކާއި، އޭގެ ފަހުން އޭނާ ޖަލަށްލެވުނުކަން ރައީސް ވަހީދަށް އެނގިވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން 2008 ވަނަ އަހަރު އޭނާގެ މައްޗަށް ސާބިތުވި ކުށުގެ ސީރިއަސްކަމާއި އޭނާގެ ނުބައި ސުލޫކު ރައީސް ވަހީދަށް ވަޒަންކުރެއްވިފައެއް ނުވެއެވެ. އެކަން އެނގިވަޑައިގަތް ނަމަ، ފުރަތަމަ ބައްދަލުވުމަށްފަހު އެ ގުޅުން ކުރިއަށް ނުގެންދިއުމަށް ރައީސް ވަހީދު ނިންމަވާނެއެވެ." އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެޕްސްޓީން އާއެކު ކުރިއަށް ގެންގޮސްފައިވާ މުއާމަލާތްތަކަކީ، ނިއުޔޯކްގައި ތިބި އެންމެ ނުފޫޒުގަދަ ފަންޑް މެނޭޖަރުންނާއި ފައިނޭންޝަލް އެޑްވައިޒަރުންގެ ތެރޭގައި ހިމެނޭ، އަދި ރާއްޖޭގެ ބަޖެޓުގެ ބޭނުންތަކަށް އެހީތެރިކަން އިންތިހާއަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި އެކަމަށް ލަފާދެވިދާނެ ފަރާތެއްގެ ގޮތުގައި، ނުފޫޒުގަދަ އަދި އިހުތިރާމް ލިބިގެންވާ ދައުލަތުގެ އިސްވެރިންތަކެއް އެޕްސްޓީން ރެކޮމެންޑް ކުރެއްވުމާ ގުޅިގެން، ވަހީދު އޭނާއާ ބައްދަލުކުރެއްވީ މައުލޫމާތާއި، އިރުޝާދާއި، އެހީތެރިކަން ހޯއްދެވުމަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެޕްސްޓީންއަށް އެއްވެސް ފައިސާއެއް ދީފައިނުވާނެ ކަމަށާއި އަދި އެހީތެރިކަމަށް އެދިފައިވީ ނަމަވެސް ވަހީދާ ނުވަތަ ދިވެހި ސަރުކާރާ އެކުވެސް އޭނާ އެއްވެސް މާލީ މުއާމަލާތެއް ހިންގާފައި ނުވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ:
- ރައީސް ވަހީދު ނުވަތަ އެމަނިކުފާނުގެ އާއިލާއިން އެޕްސްޓީންއާ ބޭއްވި އެއްވެސް މުއާމަލާތަކީ އިޖުތިމާއީ (ސޯޝަލް) ބައްދަލުވުންތަކެއް ނޫން ކަމަށް
- އެ މުއާމަލާތްތަކަކީ ރަސްމީ ހައިސިއްޔަތު ހުރި އެހެން ބޭފުޅުންގެ ހާޒިރުގައި، ހަމައެކަނި ފަންނީ އަދި މަސައްކަތުގެ މާހައުލުގައި ހިނގާފައިވާ ކަންކަން ކަމަށް
- ރައީސް ވަހީދަށް ނުވަތަ އެމަނިކުފާނުގެ އާއިލާއަށް ވެސް އެއްވެސް ކަހަލަ ޖިނާއީ އަމަލެއް ހިނގާފައިވާކަން އެނގިވަޑައިގެންފައެއް ނުވާ ކަމަށް އަދި އެފަދަ ކަމެއް ފެނިވަޑައިގެންފައިވެސް ނުވާކަމަށް
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވަހީދު އެޕްސްޓެއިން އާ ބައްދަލުކުރެއްވީ ނިއުޔޯކްގައި ހުންނަ އޭނާގެ ގޭގައި ދެ ފަހަރެއްގެ މަތިންނެވެ. އެއީ:
- 23 ސެޕްޓެމްބަރު 2012، ރޭގަނޑު 7:00 ގައި: ދައުލަތުގެ އެހެން އިސްވެރިންނާއެކު ވަހީދު ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވި
- 18 މޭ 2014، ހަވީރު 5:00 ގައި: ވަހީދާއި ޖެފްރީ ސަލީމް ވަހީދު ކުރު ބައްދަލުވުމަކަށް
ވަހީދު ވިދާޅުވީ ފުރަތަމަ ބައްދަލުވުމަކީ ކުރިއާލާ ރޭވިގެން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ތާވަލުގައި ހިމެނިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި އެ ދަތުރުފުޅު އިންތިޒާމުކުރުމުގައި ރައީސް އޮފީހާއި ފޮރިން މިނިސްޓްރީން ބައިވެރިވި ކަމަށެވެ.
ވަހީދު މަގާމުގައި ހުންނެވި ދުވަސްވަރު ނުވަތަ ރައީސްކަމުގެ ދައުރަށްފަހުވެސް، ނުބައި ނިޔަތެއްގައި އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، އެޕްސްޓީންއާ އޮންނަ ކުޑަވެސް ގުޅުމަކީ މުޖުތަމައު ބަލައިގަންނަ ކަމަކަށް ނުވާތީއާއި، މިހާރު ފުރުއްވަމުން ގެންދަވާ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދެވޭނެތީ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ މަގާމުން އިސްތިއުފާދެއްވީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އާއިޝަތު މާހާ
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
މުޅި ގައުމަށް ހުތުރު އަރުވާ މިފަދަ މީހުންނަށް އަދަބުވެސް ލިބެންޖެހެއެވެ. ގާނޫނެއް ނެތިއްޔާ ގާނޫނެއް ހަދައިގެންވިޔަސް ހެވެއެވެ. ލަދުން ބޯހަލާކުވެއްޖެއެވެ.
އަލީ - 5 މަސް ކުރިން
ގުޅެވޭނީ އެއްވައްތަރުގެ މީހުންނާއި އެއްވައްތަރުގެ މީހުންނާއެވެ. ލަނޑައާ ވާނީ ލަނޑައާއިއެވެ. ތިމާވެރިކަމަށްއައިގޮތް ވިސްނާލާށެވެ.
އަލިބެ - 5 މަސް ކުރިން