ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އެ މަނިކުފާނުގެ އިސްތިއުފާގެ ސިޓީވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައި ކަމަށް ރައީސް އޮފީހުން ދާދި ދެންމެ ބުންޏެވެ.

ރައީސް އޮފީހުން ބުނީ ރައީސް ވަހީދުގެ އިސްތިއުފާގެ ސިޓީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސަށް ފޮނުއްވާފައިވާ ކަމަށެވެ.

ރައީސް ވަހީދު އިސްތިއުފާދެއްވި ސަބަބެއް ކަށަަވަރުވެފައި ނުވާ އިރު، ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމަށް، އެ ކުދިން ޓްރެފިކިން ކުރަން ބޮޑު އޮޕަރޭޝަނެއް ހިންގި ޖެފްރީ އެޕްސްޓެއިންއާ ރާއްޖޭގެ ރައީސަކު ބައްދަލުކުރި ކަމަށް ބުނާ އީމެއިލެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ލީކުވެފައެވެ. އޭރު ވެސް ބައެއް ފަރާތްތަކުން ވަނީ އެއީ ރައީސް ވަހީދު ކަމަށް ތުހުމަތުކޮށްފައެވެ.

އެ ވާހަކަތައް ދެކެވެމުން ދަނިކޮށް، ދާދިފަހުން ވަނީ ރައީސް ވަހީދާ ބައްދަލުކުރެއްވުމަށް އެޕްސްޓެއިން ދައުވަތު ދީފައިވާ އީމެއިލެއްގެ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާގައި ލީކުވެފައެވެ.

ރައީސް މުއިއްޒު، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް ރައީސް ވަހީދު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މެއި 26 ގައެވެ.