ކޮވިޑް-19ގެ ވަބާ ކުރިމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ގައުމަށް ހެޔޮ އެދޭ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ނުކުރާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނުސީދާ ރައްދެއް ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ދެއްވައިފި އެވެ.
ބޮޑުތަކުރުފާނު މަގުގައި ހުރި ކެފޭއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވަނީ، "ރާއްޖެ ވިއްކާލުމާ" ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ (ހުކުރު ދުވަހު) މާލޭގައި ބޭއްވި ސައިކަލު ބުރަށް ފާޑުވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވީ، މިވަގުތު ކުރިމަތިވެފައިވާ ކޮވިޑް ވަބާ ފެތުރުމުގެ އެންމެ ބޮޑު މައްސަލައަކީ އެންމެން އެއްތަނަކަށް އެއްވެ ގައިގޯޅިވުން ކަމަށާއި ނަމަވެސް އެކަމާ ދެކޮޅަށް އަމަލުކުރާ ބަޔަކު އެބަ އުޅޭ ކަމަށެވެ. އެހެންކަމުން އެއީ ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ވަރަށް ހިތާމަކުރަން މިއަދުވެސް މާލޭގައި ބަޔަކު މުޒާހަރާ ކޮށްފި. އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވަރަށް އިސް ބޭފުޅުން މާސްކު ވެސް ނާޅުއްވައި ރައްޔިތުންގެ އެތައް ބަޔަކު އެއްކޮށް، އެފަދަ އަމަލުތައް ކުރާ މަންޒަރު ފެނިގެން ހިނގައްޖެ. މިއަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހެޔޮ އެދިގެން، ގައުމަށް ހެޔޮ އެދިގެން ކުރާނެ ކަމެއް ނޫން،" ރައީސް ވަހީދުގެ ނަން ވިދާޅުނުވެ ރައީސް ސޯލިހު ވިދާޅުވި އެވެ.
މިއަދު ބޭއްވި ސައިކަލު ބުރުގައި ކުރީގެ ރައީސް ޑރ. ވަހީދުގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުުޅުންނާއި އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީސް މެންބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އެއްވެސް ގައިދުރުކަމެއް ނެތި ކުރިއަށް ގެންދިޔަ މި ސައިކަލް ބުރުގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، މި މުޒާހަރާ ފުލުހުން ހުއްޓުވާފައެއް ވެސް ނުވެ އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި މުޒާހަރާކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި އެއީ މި ސަރުކާރުން ހުއްޓުވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިފަދަ ދަނޑިވަޅެއްގައި އެފަދަ ޒިންމާދާރު ކަމެއް ނެތް އަމަލެއް ހިންގުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި އިރު، އިދިކޮޅު ފަރާތްތަކުން މީގެ ކުރިން މަގުތަކަށް ނުކުމެ ކުރި އެއްވެސް މުޒާހަރާއަކަށް ރައީސް ސޯލިހު ރައްދު ދެއްވައިފައެއް ނުވެ އެވެ. އެހެންކަމުން ރައީސް ވަހީދު ބައިވެރިވެވަޑައިގެންނެވި މުޒާހަރާގައި ގައުމަށް ދިމާވެފައިވާ ވަބާއެއްގެ ތެރޭގައި ގައުމުގެ އިސް ބޭފުޅުންތަކެއް މުޒާހަރާ ކުރެއްވުމުން ހިތާމަކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވުމަކީ ސީދާ ރައީސް ވަހީދަށް ދެއްވި ރައްދެއް ކަމަށް ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު