މީގެ އަހަރެއްހާ ދުވަސް ކުރިން ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާއަށް ބަލައިލަމާ ހިނގާށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އެ އަލިފާނުގެ ހާދިސާގެ ސަބަބުން ހަތަރު ކެމިކަލް ގުދަނަކާއި ހަ ގެއެއްގައި ރޯވި އިރު، އެ ހާދިސާއިން ފެނިގެން ދިޔައީ ދިވެހިންގެ އެއްބައިވަންތަކަމެވެ. އެހިސާބުގައި ތިބި މީހުން އަލިފާން ނިއްވައިލުމަށް ފުލުހުންނާއި ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިން އިރު، އެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެތަށް ދިވެހިންނެއް އެ ދުވަހު މަސައްކަތް ކުރިއެވެ.
އޭރުގެ ހާލަތު ބަދަލުވެ މިއަދު ދުނިޔެ މިވަނީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައެވެ. ކޮވިޑް 19 އާއި ގުޅިގެން މިއަދުގެ ހާލަތު ހުރި ގޮތުން ކަމާބެހޭ އިދާރާތަކުން އަބަދުމެ ކެނޑިނޭޅި ނަސޭހަތްތެރިވަމުން އަންނަނީ ގިނަ މީހުން ތަންތަނަށް އެއް ނުވުމަށެވެ. ގައި ދުރުކަން ބަހައްޓައި، ކޮންމެހެން ބޭރުގައި އުޅެން ޖެހިގެން ނޫނީ ބޭރުގައި ނޫޅުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ނަސޭހަތްތެރިވަމުންނެވެ.
ރޭ ހެންވޭރުގައި އަލިފާނުގެ ހާދިސާ ހިނގިި ސަރަހައްދުގައި ސިފައިން އަލިފާން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި އިރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިތުރުން ފުލުހުންނާއި ސިފައިންވެސް ވަނީ ކެނޑިނޭޅި، އެކި ފަހަރު މަތިން އާންމުންނަށް އެ ސަރަހައްދަށް އެއް ނުވުމަށް ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުންވެސް ކޮވިޑް 19 އާއި ގުޅިގެން އެކި ކަންކަމުގައި ހަރަކާތްތެރިވާ އެކި އިދާރާތަކުންވެސް ވަނީ އެ ސަރަހައްދަށް އާންމުން ނުދިއުމަށް ނަސޭހަތްތެރި ވެފައެވެ. ނަމަވެސް އެ ސަރަހައްދުން ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ.
އެ ސަރަހައްދުން ފެނިގެން ދިޔައީ ތިމާއާއި އަނެކާގެ ރައްކާތެރިކަމަށް ބެލުމެއް ނެތި ކުޅި ބަލަން މީހުން އެއްވި މަންޒަރެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވި "ވަން"ގެ ނޫސްވެރިޔަކު ކިޔައިދިން ގޮތުގައި އެ ސަރަހައްދުގެ ގެތައް ހުސްކުރި އިރު ނެރުނު މީހުންނަށްވުރެ އެވަގުތު އެސަރަހައްދަށް ކުޅި ބަލަން ޖަމާވެ ތިބި މީހުން ގިނަ އެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ފެނިގެން ދިޔައީ މާސްކު ނާޅައި، ގައިދުރުކަމެއް ނެތި، މަންޒަރުގެ ވީޑިއޯ އަދި ފޮޓޯ ނަގަން ނިކުމެ އުޅުނު މީހުން ކަމަށް "ވަން"ގެ ނޫސްވެރިޔާ މައުލޫމާތު ދިނެވެ.
ރޭގެ އަލިފާނުގެ ހާދިސާ ހިނގި ވަގުތު "ކުޅި ބެލުމަށް" އާޓިފިޝަލް ބީޗަށް ޖަމާވި މީހުންތެރޭ ބިދޭސީންނާއި ދިވެހިންވެސް ފެނިގެން ދިޔައެވެ. އެމީހުންގެ ތެރޭން ފެނުނީ އެ ސަރަހައްދަށް ކަމާ ކަންފަށާ ފޮޓޯ އާއި ވީޑިއޯ ނަގަން އެއްވި މީހުންނެވެ. ފެނިގެން ދިޔައީ ގައުމުގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުން ދާއިރު ވެސް، ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި އާޓިފިޝަލް ބީޗަށް ކުޅި ބަލަން ބޮނޑިވި މަންޒަރެކެވެ.
ބުރާސްފަތި ދުވަހުގެ 18:00 އިން އިއްޔެގެ 18:00 އަށް ރާއްޖެއިން އިތުރު 140 ކޮވިޑް ކޭސް ފެނި، ރާއްޖެއިން ފެނުނު ކޮވިޑް ކޭސްގެ އަދަދު ޖުމުލަ 7329 އަށް އަރާފައި ވާއިރު، މިފަދައިން ރައްކާތެރިކަމެއް ނެތި ގިނަބަޔަކު އެއްތަނަކަށް އެއްވުމީ ފެނުނު ހިތާމަވެރި މަންޒަރެކެވެ.
މިހާރުގެ ހާލަތަށް ބަލާފައި، މާލޭގައި ދިރިއުޅޭ ރައްޔިތުން ރޭ ދެއްކި މިސާލަކީ އެންމެ ރަނގަޅު މިސާލެއް ނޫންކަން ސޯޝަލް މީޑިއާއަށް ބަލައިލުމުންވެސް ފެނިގެން ދެއެވެ. އެއްބަޔަކު ދެން ފެނިގެންދާނީ "އަލިފާނުގެ ހާދިސާގެ ކްލަސްޓާ" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި އިރު، އެތައް ބަޔަކު ވަނީ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދު ތަކަށް ބޯލަނބައި، އެ ސަރަހައްދަށް ނުދިއުމަށް އެދި ހިޔާލު ފާޅުކޮށްފައެވެ.
ކޮންމެ ގޮތަކަށް ކަންވެ ނިމުންނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިހާރުގެ ހާލަތު ކުރިއާ އަޅައިކިޔާއިރު އެތައް ގުނައެއް ބަދަލުވެފައިވާ ކަމެވެ. ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާ ކުރުމުގައި ކުރިއަށް ވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހެ އެވެ. ކުރީން މިފަދަ ހާދިސާއެއް ހިނގި އިރު، ރައްޔިތުން ސިފައިންނަށް އެހީތެރިވެވެން އޮންނަ ނަމަވެސް، މިއަދުގެ ހާލަތު ހުރި ގޮތުން ކަމާބެހޭ އިދާރާތަކަށް ވެދެވޭނެ އެންމެ ބޮޑު އެހީއަކީ އެމީހުންދޭ އިރުޝާދާއި އެއްގޮތަށް އަމަލުކޮށް، ގޭގައި ތިބުމެވެ. ގައިމުވެސް ރައްޔިތުންގެ އެހީއަކަށް ބޭނުންވެއްޖެ ހާލަތެއްގައި ކަމާ ބެހޭ އިދާރާތްތަކުން އެކަމަށް އެދޭނެއެވެ. ރައްޔިތުންނަށް ގޮވައިލާނެ އެވެ.
އެހެންކަމުން ބޭރަށް ނިކުންނަ ނަމަ މާސްކު އަޅައިގެން ބޭރަށް ނިކުންނަން ބުނާ ބުނުންތަކަށް ކިޔަމަން ވެ، މީހުން ގިނަ ތަންތަނަށް ނުދިއުމުގެ އިތުރުން ގައިދުރުކަން ބެހެއްޓުމީ އެހެން މީހުންގެ އިތުރުން ތިމާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަދާ ކުރެވޭ ފަރުދީ ޒިންމާއަކަށް ވާނެއެވެ. ހާއްސަކޮށް މިހާރު ދިމާވެފައިވާ މިބަލިމަޑުކަމުގައި މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭ އިރު، އެފަދަ ތަންތަނަށް ނުދިއުމީ ތިމާގެ ފަރުދީ ޒިންމާ ވެސް އަދާކުރުމެވެ. އެހެން މީހުންނަށްވެސް ރައްކާތެރިކަން އޮތީ އެގޮތުގަ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް