މުޒާހަރާކޮށް، ސިއްހީ ހާލަތުގެ ގެއްލޭ ގޮތަށް ކަންކަން ނުކުރުމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ގޮތަށް އަމަލު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ގޮވާލައިފިއެވެ.

އިމްރާން މިގޮތަށް ގޮވާލައްވާފައި މިވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އިދިކޮޅު ފަރާތްތަކުން މިއަދު ސައިކަލު ބުރެއް ބާއްވާފައިވާތީއެވެ.

އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގައިލުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާމެދު ވަރަށް ބޮޑު ފަރަގެއްވާ ކަމަށެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ތަބާވުމަށް ގޮވާލަން،" މާސްކު އެޅުމަށާއި ގައިދުރުކަން އިސްކުރުމަށް ހޭޝްޓެގް ޖައްސަވައި އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލު ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވި މައްސަލަ ފުލުހުންވެސް އަންނަނީ ބަލަމުންނެވެ.

މިއަދު ހަވީރު މާލޭގައި ގިނަ އަދަދެއްގެ ޒުވާނުންނާއި އިދިކޮޅު ކޯލިޝަންގެ ގިނަ ފަރާތްތަކެއް ބައިވެރިވެ، ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެނެވެ. ނަމަވެސް ގައިދުރުކަމެއް ނެތެވެ. ފުލުހުންވެސް މިއަދުގެ ސައިކަލު ބުރަށް ހުރަސް އަޅައި، ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ.

އެސައިކަލް ބުރުގައި ބައިވެރިން ތިބީ ރާއްޖެ ވިއްކާލުމާ ދެކޮޅަށް އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެނެވެ. އަދި ބައިވެރިން ދިޔައީ ކުރީގެ ރައީސް އަބުދުﷲ ޔާމީން މިނިވަން ކުރުމަށްވެސް ގޮވާލަމުންނެވެ.

ސައިކަލް ބުރުގައި ޕީޕީއެމް އާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުންވެސްބައިވެރިވެފައި ވެއެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އަދި ޕީއެންސީގެ ނާއިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.