ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ބާއްވަން ތާވަލު ކޮށްފި އެވެ.

އެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 1:30 ގައެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ އެ ޝަރީއަތުގެ އަޑުއެހުން ވަގުތުން ގެނެސްދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކުރީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.

އެ ދައުވާތައް ކޯޓުން ބޭރުކޮށްލީ، ކުށަށް އިއުތިރާފު ވެ ދައުލަތާއެކު އަދީބު ވީ އެއްބަސްވުމަކީ ގާނޫނު އަސާސީއާއި ހިލާފު އެއްބަސްވުމެއް ކަމަށް ކޯޓުން ނިންމުމަށްފަހުގަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން އެ މައްސަލަ ޖުލައި 15 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ މައްސަލަ ހައިކޯޓަށް ބަލައިގަތީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފެށީ މިދިޔަ ޖުލައި މަހުގެ 23 ގައެވެ. އެ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެދުނު ގޮތަށް އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުނީ، ރާއްޖޭން ފިލުމުގެ ފުރުސަތު އޮތުމުން ކަމަށް ޕީޖީ އޮފީހުގެ ވަކީލުން ވިދާޅުވި އެވެ.

މީގެ ކުރިން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އޭނާ ފިލައިގެން ގޮސްފައިވެ އެވެ. އެފަހަރު އަދީބު ފިލަން މަސައްކަތް ކުރީ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށެވެ. ނަމަވެސް އިންޑިއާއަށް އެތެރެވުމުގެ ކުރިން ކަނޑުމަތީން އޭނާ ހައްޔަރުކުރި އެވެ. ފަހުން ރާއްޖެ ގެނެސް ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލި އެވެ. އެ މައްސަލާގައި ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އެ ހުކުމް ތަންފީޒުކޮށް ނިންމާފައިވެ އެވެ.