ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވެގެން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުން ލަސްވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެ ވެންޓިލޭޓަރުތަަކަކީ ނުލިބޭނެ ތަކެތި ކަމަށް ގަބޫލު ނުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެެވެ.

ކޮވިޑް 19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ދުބާއީގެ އެގްޒިކިއުޓާސް ޖެނރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގަނެގެން ރާއްޖެ ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި، ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭކަން، އޮޑިޓް ރިޕޯޓުން ފާހަގަވެގެން އެ މައްސަލަ ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރިއަށް ގެންދާ މަސައްކަތުގައި، ހެލްތު މިނިސްޓަރާއި، އެ މިނިސްޓްރީގެ އިސް ފަރާތްތައް ހާޒިރު ކޮށްގެން މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ކުންފުންޏާއި މުއާމަލާތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ކުންފުންޏާއި ކުރި މުއާމަލާތްތަކުން އެތަކެތީގެ ފޮޓޯ އާއި ވީޑިއޯވެސް ލިިބިފައިވާ ކަމަށާއި، އެތަކެތި ގެނައުމަށް ކުރަންޖެހޭ މުއާމަލާތްތައް މިއަދާ ކަމަށްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، އެ މައްސަލައިގައި، ކުންފުންޏަށް ފައިސާ ދެއްކުމުގައި ދިމާވި ކަންކަމުގައި އެބަސްވުމަކަށް މިފަހުން އަންނަން ޖެހިގެން އެކަން ދިގުލައިގެންދިޔަކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެމައްސަލައިގައި އެކި މަރުހަލާތަކުގައި ކަންކަން ކުރިއަށް ގެންދިއުމާބެހޭގޮތުން ޑޮކިއުމެންޓްތައް ހެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.