ކޮވިޑް ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ފައިސާ ނެގުމަށްފަހު ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގުކޮށް، މަކަރާއި ހީލަތް ހެދުމުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެ މައްސަލައިގައި ޕީޖީގެ ލަފައަކަށް އެދި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، އެ މައްސަލައާ ގުޅޭގޮތުން އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން ކޮމިޓީއަށް ފޮނުއްވި ސިއްރު ސިޓީއަކަށް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
"އެ ސިއްރު ސިޓީގެ މައިގަނޑު ވާހަކައަކީ މި މައްސަލައިގައި އާބިޓްރޭޝަނަށް ދެވިއްޖެއޭ، އާބިޓްރޭޝަނުން ދިވެހި ސަރުކާރަށް 1.88 މިލިޔަން ޑޮލަރާއި އެހެން ހަރަދުތައް ވަނީ ލައްވައިފައޭ، އެހެންނަމަވެސް އަހަރު ދުވަސްވީ އިރުވެސް މިފައިސާ ހޯދުމުގައި އެއްވެސް ކުރިއެރުމެއް ބިފައެއްނެތޭ،"
އެހެންކަމުން ނާޒިމް ވިދާޅުވީ، އެ ފައިސާއަކީ މަދަނީ ގޮތުން އާބިޓްރޭޝަން މެދުވެރިކޮށް މަސައްކަތްކޮށްގެން ލިބިދާނެ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.
"އަނެއްކާ މި ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީ ކޮށްފައި އޮތް ކުންފުންޏަކަށްވާތީ އެކޮޅުން ލޯޔަރުން ހޯދައިގެން އެކަން ކުރެވޭނީ. އެކަމަށްވެސް ވަރަށް ބޮޑު ހަރަދެއްދާނެ. އޭގެ ބަދަލުގައި މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް މައްސަލައެއް މި ކުންފުނިން ދިވެހި ސަރުކާރުން މިފައިސާ ލިބިގަތްކަން، އަދި ފައިސާ ހޯދައިފައި އެއްޗެހި ސަޕްލައިނުކޮށްދިންކަން، އެހެންވީމަ މިހާރު ފުރުސަތު އެބައޮތް މަކަރާއި ހީލަތް ދިވެހި ސަރުކާރަށް ހަދާފައި އޮތް ބަޔެކޭ މި ބަޔަކީ،"
އެ މައްސަލައަކީ ފުލުހުންގެ މެންޑޭޓްގައި ހިމެނޭ މައްސަލައެއް ކަމަށާއި ފުލުހުންނަށް އެކަމާބެހޭ ތަހުގީގު ކުރިއަށް ގެންދެވޭނެ ކަމަށް ޕީޖީ ލަފާދެއްވާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"އެހެންކަމުން ގާނޫނީ އެހީތެރިކަން ބަދަލު ކުރެވޭ ގާނޫނުގައި ބަޔާންކުރާ ގޮތަށް މި މައްސަލަ ތަހުގީގުކޮށް މިމީހުންނާ ދޭތެރޭގައި މަކަރާއި ހީލަތް ހެދުމުގެ ދައުވާކޮށްދިނުމަށް ޕީޖީއަށް ހުށަހަޅަން،" ކޮމިޓީން ފާސްކުރަން ނާޒިމުގެ ހުށަހެޅުން ހުށަހަޅުއްވަމުން ވިދާޅުވިއެވެ.
ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އަބުދުﷲ ޝަރީފް އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރުމޫސާއެވެ.
އެ ހުށަހަޅުން ކޮމިޓީން ފާސްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު