މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން 10 ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ވަނީ އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އިއުލާންކޮށްފައެވެ. ކެންޑިޑޭޓުން އިއުލާންކުރި އިރު، އެ ޕާޓީން މަޖިލިސް ޕްރައިމަރީއެއް ބާއްވައިފައެއް ނުވެއެވެ.

  • ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް (މާމިގިލި ދާއިރާއަށް)
  • ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (ހުޅުމާލެ ދެކުނު ދާއިރާއަށް)
  • ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް (ހެންވޭރު ހުޅަނގު ދާއިރާއަށް)
  • ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން (ކެންދޫ ދާއިރާއަށް)
  • ޖުމްހޫރީ ޕާޓީގެ ސްޕެޝަލް އެޑްވައިޒާ ޓު ދަ ލީޑާ، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު (ދުވާފަރު ދާއިރާއަށް)
  • ޖުމްހޫރީ ޕާޓީގެ ކޮމިޓީ އޮފް ޖެންޑާގެ ޗެއާ ނިޝާމާ މުހައްމަދު (ދާންދޫ ދާއިރާއަށް)
  • ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕޯކްސްޕާސަން، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން (އުނގޫފާރު ދާއިރާއަށް)
  • ޖުމްހޫރީ ޕާޓީގެ އެޑްވައިޒާ ޓު ދަ ލީޑާ، މަޖިލީހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (ތިނަދޫ އުތުރު ދާއިރާއަށް)
  • ހުސެއިން ޝަހުދީ (ނޮޅިވަރަމް ދާއިރާއަށް)
  • މުހައްމަދު ނާސިރު (އޭދަފުށި ދާއިރާއަށް)

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް އިއްޔެ ވިދާޅުވެފައިވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 381 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

"ޖުމުލަ 381 ފޯމު ވަނީ ހުށަހަޅާފައި. މިއަދު ހުށަހެޅި 86 ފޯމު،" ހަބީބު ވިދާޅުވިއެވެ.

އޭގެ ތެރެއިން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އީސީން ބާތިލުކުރާނެއެވެ. އެހެންކަމުން އެ އަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވަން އީސީން މީގެ ކުރިން ނިންމާފައިވީ ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް އެމްޑީޕީން ހުށަހަޅައިގެން މި ފަހުން މަޖިލީހުން އިސްލާހު ގެނެސްފައިވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.