ކުރީ ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން ހޯދަން ޖެހުނު ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މި ސަރުކާރުން އަލުން ބަލަން ފަށައިފިއެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހި ސަރުކާރާއި ދުބައީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިއާ ދެމެދު 2020 ވަނަ އަހަރުގެ އެޕްރީލް ދެވަނަ ދުވަހު ވަނީ، ވެންޓިލޭޓަރު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
"ކޮވިޑް19އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވް ވެންޓިލޭޓަރު ފޯރުކޮށްދިނުމާ ގުޅޭގޮތުން 2 އެޕްރީލް 2020ގައި މިނިސްޓްރީ އޮފްް ހެލްތާއި އެގްޒެކިއުޓާސް ޖެނެރަލްް ޓްރޭޑިންއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅިގެން ދައުލަތަށްް ބޮޑެތި ގެއްލުންތަކެއްް ވެފައިވާތީ، މި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންތައްތައް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅައިގެން ސަރުކާރުން މިހާރު ގެންދަނީ ބަލަމުން،" އޭޖީ އޮފީހުން ބުންޏެވެ.
އެ އެއްބަސްވުމާ އެގްޒެކިއުޓާސް ޖެނެރަލްސްއިން ހިލާފުވެފައިވާތީ، ދިވެހި ސަރުކާރުގެ ފަރާތުން ވަނީ އެ މައްސަލަ 2023 ފެބްރުއަރީ 19 ވަނަ ދުވަހު، މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައި ކަމަށް އޭޖީ އޮފީހުން ބުންޏެވެ. ދިވެހި ސަރުކާރުގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އެއްބަސްވުމާ އެއްގޮތަށް އެގްޒެކިއުޓާސް ޖެނެރަލްގެ ފަރާތުން ވެންޓިލޭޓަރު ފޯރުކޮށްދީފައިނުވާތީ، ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި ވެންޓިލޭޓަރު ފޯރުކޮށް ނުދިނުމުގެ ސަބަބުން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު 32،574،750 ރުފިޔާއަށްވާ 2،112،500 ޑޮލަރު ހޯދުމަށް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އާބިޓްރޭޝަނުން ވަނީ އެ މައްސަލައިގެ ފައިނަލް އެވޯޑް މިމަހުގެ 21 ވަނަ ދުވަހު ނެރެފައި ކަމަށް އޭޖީ އޮފީހުން ބުންޏެވެ
"ފައިނަލް އެވޯޑުގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1،888،750 ޑޮލަރާއި 02 މެއި 2021 އިން ފެށިގެން މި ދެންނެވި ފައިސާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ދިވެހި ސަރުކާރަށް ދެއްކުމާ ހަމައަށް އިންޓްރެސްޓް ގޮތުގައި އަހަރަކު 2 ޕަސަންޓު ދިވެހި ސަރުކާރަށް އެ ކުންފުނިން ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވެއެވެ. އަދި ލިކުއިޑޭޓް ޑެމޭޖްސްގެ ގޮތުގައި ޖުމުލަ 223،750 ޑޮލަރާއި އެވޯޑް ނެރޭ ތާރީހުން ފެށިގެން ލިކުއިޑޭޓް ޑެމޭޖްސްގެ ފައިސާ ދިވެހި ސަރުކާރަށް ދެއްކުމާ ހަމައަށް އިންޓްރެސްޓުގެ ގޮތުގައި އަހަރަކު ދެ ޕަސަންޓު އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ދިވެހި ސަރުކާރަށް ދައްކަންޖެހޭނެ ކަމަށް ކަނޑައަޅާފައި،" އޭޖީ އޮފީހުން ބުންޏެވެ.
އެގްޒެކިއުޓާސް ޖެނެރަލްގެ ފަރާތުން އެ މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައިނުވާ ކަމަށެވެ. އަދި މައްސަލައިގެ އާބިޓްރޭޝަންގެ ހަރަދުގެ ގޮތުގައި އެ ކުންފުނިން ދައްކަންޖެހޭ ފައިސާ ވެސް ދައްކާފައިނުވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރިހާ ފައިސާއެއް ދެއްކީ ދިވެހި ސަރުކާރުން ކަމަށް ބުންޏެވެ.
އެގޮތުން އާބިޓްރޭޝަން ހަރަދުގެ ގޮތުގައި ދެއްކި 132،865.56 ޑޮލަރު، އެގްޒެކިއުޓާސްގެ ފަރާތުން ހޯދުމަށް އެދިފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެކަމާ ގުޅިގެން އާބިޓްރޭޝަންގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ 132،865.56 ޑޮލަރު، އެގްޒެކިއުޓާސް ޖެނެރަލުން ދެއްކުމަށާއި، އެ ފައިސާ ދެއްކުމާ ހަމައަށް އަހަރަކު ދެ ޕަސަންޓުގެ ރޭޓުން އިންޓްރެސްޓް ފައިސާ އެގްޒެކިއުޓާސް ޖެނެރަލުން، ދިވެހި ސަރުކާރަށް ދައްކަންވާނެ ކަމަށް، އޭޖީ އޮފީހުން ބުންޏެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންމެ ފުރަތަމަ އޭސީސީން ޕީޖީއަށް ފޮނުވި ނަމަވެސް، މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް އަންގައި އެ މައްސަލަތައް 2021 ވަނަ އަހަރު ޕީޖީން އަނބުރާ އޭސީސީއަށް ފޮނުވައިލިއެވެ.
އޭގެ ފަހުންވެސް އެކި ފަހަރު މަތިން އެކި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މައްސަލަތައް ފޮނުވިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ތަހުގީގުން ފާހަގަކުރެވޭ ކަންތައްތަކެއް ފާހަގަކޮށް އެކަންކަން ފުރިހަމަކުރުމަށް ޕީޖީ އޮފީހުން ވަނީ އެ މައްސަލަތައް އޭސީސީއަށް ފޮނުވާލައިފައެވެ. އަދި އެފަހުން ވެސް އެ މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު