ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ އުނގޫފާރު ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

އަމީން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން އިއުލާންކުރައްވައިފައެވެ. ނަމަވެސް އަމީން ކުރިމަތިލައްވަނީ ޕާޓީ ޓިކެޓުގައި ކަމެއް ނުވަތަ އަމިއްލަގޮތުން ކަމެއް ވިދާޅެއް ނުވެއެވެ.

"ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ އުނގޫފާރު ދާއިރާއަށް ވާދަކުރުމަށް އަޅުގަނޑު ނިންމައިފީމެވެ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މަޖިލިސް އިންތިހާބު ކާމިޔާބުކޮށް، އުނގޫފާރު ދާއިރާގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތްކުރައްވާނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިނިސްޓަރަކަށް ހުންނެވި އަމީން، އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ކޮވިޑް-19 ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދޭން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުގެނެވުމުގެ މައްސަލައިގައާއި އެ މައްސަލައިގައި އޭނާއަށް ކުރިމަތިވި ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމުންނެވެ.

އަމީން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އަމީން ވަނީ ސިޔާސީ މައިދާނާ ދުރަށް ޖެހިވަޑައިގެންފައެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް އަހަރެއްހާ ދުވަސް އޮއްވައި އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ސިޔާސީ ކަންކަމުގައި އުޅެން ފަށައިފައެވެ. އަދި ވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމުވެސް އަދާ ކުރައްވައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަމީން ވަނީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ.