ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ ރާއްޖޭގައި މި ބަލީގައި މަރުވި މީހުންގެ އަދަދު 28 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓުކޮށްފައިވާ 73 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ފަތިހު 05:11 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް 19ގައި މިހާތަނަށް ރާއްޖޭގައި މަރުވި 28 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 22 ދިވެހިންނާއި ހަ ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސް މީހެކެވެ.

މިމަހު އެކަނިވެސް ކޮވިޑް ބަލީގައި ޖުމުލަ 12 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވި މީހުންގެ ޖުމުލަ އަދަދު ވަނީ 6912 އަށް އަރައިފައެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 2588 މީހުންނެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 4297 މީހެކެވެ.