އެންމެންވެސް ދައްކަނީ އެއް ވާހަކައެކެވެ. އިވެނީ އެއް އަޑުތަކެކެވެ. ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމުގެ ބިރުވެރި ވާހަކަތަކެވެ. ކޮވިޑްގެ ހާލަތު މެނޭޖް ނުކުރެވޭ ހިސާބަށް ގޮސްދާނެ ކަމުގެ ބިރުވެރި ވާހަކަތަކެވެ. އަދަދުތައް ދުވަހެއް ދުވަހަކަށް މަތިވާކަމުގެ ވާހަކައެވެ. ސިއްހީ މާހިރުން ކޮންމެ ރެޔަކުމެ ފިލި ޖަހައިދެމުންދަނީ ގައުމު އޮތް ބިރުވެރި ހާލަތު ސިފަކޮށްދެމުންނެވެ. ކަންބޮޑުވާ ހިސާބަށް ގައުމުގެ ހާލަތު އަނެއްކާވެސް މިވަނީ ގޮސްފައެވެ. ދެން އޮތީ ފަރުދީ ޒިންމާ އަދާ ކުރުމެއް ނޫން ހެއްޔެވެ؟
ނިއު ނޯމަލްއާއެކު އެތައް ލުއިތަކެއް ދީފިއެވެ. އެތައް ފަސޭހަތަކެއް ކޮށްދީފިއެވެ. ބަންދުވެފައި ތިބި ތިބުމަށް ނިމުމެއް ގެނެސްދީ، ރައްޔިތުންނަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލުމުގެ ފުރުސަތު ދީފިއެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ހިފީ މާ ރަނގަޅަށް ނޫން ކަން މިހާރު ހުރި ނަންބަރުތަކުން ވަރަށްވެސް ސާފެވެ. އެހެންކަމުން ސިއްހީ މާހިރުންވެސް އަބަދުމެ އާދޭސް ކުރަނީ ފަރުދީ ޒިންމާ އަދާ ކުރުމަށެވެ. އެހެން ނޫން ނަމަ މިކަމުން އަރައި ގަންނަން ދަތިވެދާނެ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.
މާގިނަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ނެތް ނަމަވެސް މި މަހުގެ ތެރޭގައި ސިއްހީ މާހިރުންގެ ލަފަޔާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރުކޮށް ރޭގަނޑު 10:00 ގެ ފަހުން ބޭރުގައި އުޅުން މަނާ ކުރިއެވެ.
ނަމަވެސް އެކަމަށްވެސް ބައެއް ރައްޔިތުން ދިނީ ބީރު ކަންފަތެކެވެ. މާސްކު ނާޅައި ބޭރުގައި އުޅޭ މީހުން އެއްވެސް ޖެހިލުމެއްނެތި އުޅެނީއެވެ. ކާފިއުއަށް ބޯނުލަނބައި، ބޭރުގައިވެސް އެތައް ބަޔަކު އުޅެއެވެ. މިއީ ކޮންމެ ދުވަހަކުވެސް އާންމުންގެ ޝަކުވާއެކެވެ. ސިއްހީ މާހިރުންގެ ވެސް ޝަކުވާއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާސްކު ނާޅައި އުޅުނު 2400 އަށްވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅާފައި ވެއެވެ. އެކަކަށް ހަ ފަހަރު ފިޔަވަޅު އަޅާފައި ވެއެވެ. ކާފިއު ގަޑީގައި ބޭރުގައި އުޅުނު 3200 އަށްވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅާފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރާއި 40 އަހަރާ ދެމެދުގެ 2800 މީހަކަށް ފުލުހުން ފިޔަވަޅު އަޅާފައިވެއެވެ.
މާސްކު ނަގައިގެން އުޅުން މަނާއިރު، މަގުމަތީގައި ސިނގިރޭޓް ބުއިންވެސް ވަނީ މަނާކޮށްފައެވެ. މަދުން ނަމަވެސް މަގުމަތީގައި މާސްކް ނަގައިގެން ސިނގިރޭޓް ބޯން މީހުން ތިބެއެވެ. ކެފޭ ރެސްޓޯރެންޓްތައްވެސް އޮންނަނީ ފުރި ބާރުވެފައެވެ. ސައިކަލު ބުރުޖަހަން ނުކުންނަ މީހުންވެސް މަދެއް ނޫނެވެ. ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް މަދު ބަޔަކު ބޯ ނުލެނބުމުގެ ސަބަބުން ބޮޑު ބިރަކާ ކުރިމަތިލާން ޖެހިދާނެތީ އާންމުން ވަރަށް ބޮޑަށް ކަންބޮޑުވެއެވެ.
"މާސްކް ނަގައިގެން ސިނގިރޭޓްވެސް ބޯން ތިބެނީ، އެއްވުންތައް ބާއްވަނީ އެވަރަށް، ކޮފީތަކުގައި ގައިދުރުކަމެއް ނުހުރޭ، މަގުމަތި އޮންނަނީ ފުރި ބާރުވެފަ، އަބަދުވެސް ސިއްހީ މާހިރުން ނަސޭހަތް ދެމުން އަންނަނީ މާސްކު އަޅައިގެން އުޅުމާއި ގައިދުރުކަން އިސްކުރުން. އެކަމަކުވެސް އެވާހަކަ އަޑުއަހާ މީހަކު ނޫޅޭ، ހާއްސަކޮށް ޒުވާނުން، މިކަމާމެދު ސީރިއަސް ނުވާ ކަމީ އަސްލު ކަންބޮޑުވާން ޖެހޭ ކަމެއް،" ސޯޝަލް މީޑިއާގައި މީހަކު ލިޔެފައި ވެއެވެ.
މާސްކު އެޅުން މަޖުބޫރުކޮށް ކާފިއު ގަޑިއެއް ހަމަޖެއްސުމުންވެސް ބަދަލެއް ނައެވެ. ތަފާތެއް ފެންނަ ގޮތެއް ނުވިއެވެ. އަދަދު 100 އިން ދަށަށް ނުދެއެވެ. ކޮންމެ ދުވަހަކު އެތައް ދިވެހިންނެއް ޕޮޒިޓިވް ވެއެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ. ޒުވާނުންގެ ހަރާކާތްތައް މަދު ކުރުމަށް މި ހަފުތާގައި ވަނީ ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ.
މި ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ކަމާބެހޭ އިދާރާތަކަށް އަމާޒު ވިއެވެ. އެގޮތުން ކަންކަން ނިންމަނީ ވިސްނައި ނުލައި ކަމަށާއި މިއީ ވަރަށް ގޯސް ނިންމުމެއް ކަަމަށްވެސް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. ނަމަވެސް މި ނިންމުމަށް ތާއީދުކުރާ ފަރާތްތައްވެސް ގިނައެވެ. މިކަމަށް އޮތީ ބަހުސެއް ފެށިފައެވެ.
"އަސްލު މިއީ ބައެއް މީހުން ހިތްހަމަ ޖެހޭ ނިންމުމަކަށް ނުވެދާނެ، އެކަމަކު މިއީ ރަނގަޅު ނިންމުމެއް، އެއީ ޒުވާނުން ކޮފީތަކަށް ނުކުމެ ސައިކަލުގައި ބުރު ޖަހަން އުޅޭ ގަޑި. އެހެންކަމުން ބޭރަށް ނުކުންނަ އަދަދު މަދުވާނެ ކަމަށް ގަބޫލު ކުރަން އެބަޖެހޭ، ނިންމުން ރަނގަޅު،" ޒުވާނަކު ކޮށްފައިވާ ޓުވީޓެއްގައި ވެއެވެ.
ޑރ. އަލީ ލަތީފު ވިދާޅުވީ، ކޮވިޑް ކޮންޓްރޯލް ކުރަން އަޅަން ޖެހޭ މާބޮޑު ތަފާތު ފިޔަވަޅުތަކެއް ނެތް ކަމަށެވެ. މިއަދު ބައެއް ފިޔަވަޅުތައް އެޅުމުން ބައެއް މީހުން އެކަމާ ނުރުހުންވި ނަމަވެސް މިއީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ސަބަބަކީ ކޭސްތައް އިތުރުވަމުން ދާވަރުން. އަޅުގަނޑުމެން ފިޔަވަޅު އަޅަނީ ހަމަ ހުރެލާފައެއް ނޫން. ވަކި މިންގަނޑުތަކަކަށް ބަލާފައި އަޅުގަނޑުމެން ފިޔަވަޅުތައް މި އަޅަނީ. އަޅުގަނޑުމެން ކޮންމެ ހަފުތާއަކު އެބަ ބަލަން ފާއިތުވި ހަފުތާގައި ކިހިނެއްތޯ ކޭސަސްތައް ހުރީ. އެ ބަލާފަ އެ މިންގަނޑުތަކަށް ފެތޭތޯ ބަލާފަ މި ފިޔަވަޅުތައް މި އަޅަނީ،" ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.
ދައްކަން ޖެހިފައިވަނީ ފަރުދީ ޒިންމާގެ ވާހަކައެވެ. ސިއްހީ މާހިރުން ނިންމާ ކަންކަމަށް ފާޑު ކިޔުމުގެ ބަދަލުގައި ވަކި ވަކި ފަރުދުން ޒިންމާ ނަގަން ދަސްކުރަން މިވަނީ ޖެހިފައެވެ. ހާލަތު ވަރަށްވެސް ގޯހެވެ. ބޮޑު ރާޅެއްގެ އަޑު އަނެއްކާވެސް ވަރަށް ގަދައެވެ. އެހެން ކަމުން ސިއްހީ މާހިރުންވެސް މިވަނީ ހާލަތު ގޯސްވާ ނަމަ އަނެއްކާވެސް ލޮކްޑައުނަކަށް ދާންޖެހިދާނެ ކަމުގެ އިޝާރާތް ކޮށްފައެވެ. ނަމަވެސް އަދިވެސް ފިޔަވަޅުތަކުން ކޮންޓްރޯލް ކުރެވިދާނެ ކަަމަށް ސިއްހީ މާހިރުން ގަބޫލު ކުރެއެވެ.
"އަޅުގަނޑު ނުދަންނަވަން މިއަދު ލޮކްޑައުންއަކަށް ދާންޖެހެއެކޭ. ނަމަވެސް ބަލި ކޮންޓްރޯލް ނުކުރެވިއްޖެއްޔާ ލޮކްޑައުންއަކަށް ވެސް ދާންޖެހޭނެ. ލޮކްޑައުންއަކަށް ދާން މިޖެހެނީ ބަލި ކޮންޓްރޯލް ކުރަން. ދިވެހިންގެ ފުރާނަ ސަލާމަތްކުރަން ވެގެން. މިގޮތަށް އެކްޝަން ނަގައިފިއްޔާ ލޮކްޑައުންއަކަށް ނުގޮސް ފަރުޖެހިދާނެ ކަމަށް ލަފާކުރެވެނީ،" ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.
ލޮކްޑައުނަކީ ފަހު ޗޮއިސް ކަަމަށާއި އެހެން ނަމަވެސް ފިޔަވަޅުތައް ހަރުކަށި ވެގެންދާނެ ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިހާރުވެސް ދީފައިވާ އިރުޝާދުތަކާއި އަމަލު ކުރަން އަންގާފައިވާ ގޮތަށް އާންމުން އަމަލު ކުރަމުން ގެންދާނަމަ ޑިސެމްބަރުގެ ކުރިން ގައުމު ހަމަޔަކަށް އެޅޭނެ ކަމަށް ސިއްހީ މާހިރުން ގަބޫލުކުރެއެވެ. އަލުން ލޮކްޑައުނަކަށް ދިއުމަކީ އެންމެންވެސް ބޭނުންވާނެ ކަމެއް ނޫންކަން ސިއްހީ މާހިރުން ދެކެއެވެ.
ފާއިތުވި ތަނުގައި ލޮކްޑައުންއަކަށް ދިއުމުން ދިމާވި އުނދަގޫތައް އަދިވެސް ހަނދާނުގައި ހުންނާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެހެންކަމުން އެޗްޕީއޭ އިން ދަންނަވާ ދެންނެވުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޑރ. އަލީ ލަތީފު ވިދާޅުވެފައިވެއެވެ.
"އެކްޝަން ނެގުމަކީ މީހަކަށް އުނދަގޫ ކުރާކަށް މިކަހަލަ ކަމެއް ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން. މިގޮތަށް އެކްޝަންތައް ނެގީމަ އަޅުގަނޑުމެން އެންމެންނަށް ވެސް އޭގެ އުނދަގޫ ލިބޭނެ. އަޅުގަނޑުމެންގެ އާއިލާއަށް ވެސް ލިބޭނެ. އެހެންކަމުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް މިގޮތަށް ރިސްޓްރިކްޝަން ހެދީމަ އެގޮތަށް އުޅުއްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް،" ޑރ. ވިދާޅުވިއެވެ.
ސިއްހީ މާހިރުންގެ ބަސް ގަބޫލުކޮށް އަޑުއަހަންވީ ވަގުތު މިއޮތީ މާ ބޮޑަށް ވެސް ޖެހިފައެވެ. ގައުމަށް މިހާރު ދިމާވެފައި މިވާ ބިރުވެރިކަމުން އަރައި ގަނެވޭނީ އެންމެން ގުޅިގެނެވެ. އެންމެންގެ އެއްބާރުލުމާއެކުއެވެ. ފަރުދީ ޒިންމާ ފުރިހަމައަށް އަދާކޮށްގެނެވެ. އެހެންކަމުން ސިއްހީ މާހިރުން ދީފައިވާ ލަފަޔާއި އިރުޝާދުތައް އަޑުއަހައި ބޯލަނބަން ޖެހެއެވެ. އެހެން ނޫންނަމަ ސިއްހީ މާހިރުން އެ ކުރަހައިދޭ ބިރުވެރި މަންޒަރުތައް ފެނުން މާ ދުރަކު ނެތެވެ. ރައްކާތެރިކަން އޮތީ އެންމެން ގުޅިގެން މަސައްކަތް ކުރެވިގެނެވެ.