މާސްކު ނާޅައި އުޅުނު އިތުރު 50 މީހަކާއި މަނާ ގަޑީގައި ބޭރުގައި އުޅުނު 55 މީހަކު ޖޫރިމަނާކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މާސްކް ނާޅައި އުޅެގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 57 މީހަކަށް ނަސޭހަތްދެވި 50 މީހަކު ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.
"ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފޭސް މާސްކް ނާޅައިގެން ނަސޭހަތްދެވިފައިވަނީ 57 ފަރާތަކަށް އަދި ޖޫރިމަނާ ކުރެވިފައިވަނީ 50 މީހުން. އަދި ބޭރުގައި މަގުމަތީގައި އުޅުން މަނާ ވަގުތުގައި އުޅެގެން 80 މީހަކަށް އިއްޔެ ވަނީ ނަސޭހަތް ދެވިފައި އަދި 55 މީހަކު ވަނީ ޖޫރިމަނާ ކުރެވިފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، މަނާ ގަޑީގައި ބޭރުގައި އުޅުނު 3200 މީހަކަށް ފުލުހުން އެޓެންޑްވެފައިވާ ކަމަށެވެ. އަދި މާސްކް ނާޅައި އުޅުނު 2428 މީހަކަށް އެޓެންޑްވެފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގައި ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބޭރުގައި އުޅޭއިރު ނޭފަތާއި ދަތްދޮޅި ނިވާވާ ގޮތަށް މާސްކު އެޅުން މަޖުބޫރުކޮށްފައެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުދިން، ކަސްރަތު ކުރަން ނުކުމެ އުޅޭ މީހުން ކަސްރަތު ކުރާ ވަގުތު އަދި އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުން އިސްތިސްނާވާ ގޮތަށެވެ.
މީގެ އިތުރުން ރޭގަނޑު 10:00 އަކުން ފަތިހު 5:00 އަށް މަގުމަތީގައި އުޅުންވެސް މަނާކޮށް، ރޭގަނޑު 8:00 އިން ފެށިގެން ވެހިކަލް ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު