ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭހެއް ފެނުނުތާ މާ ގިނަ ދުވަހެއް ނުވެ މުޖުތަމައުގެ ތެރެއިން ކޮވިޑްގެ ކޭހެއް ފެނުނެވެ.
އޭޕްރީލް 15 ވަނަ ދުވަހު މާލެއިން ފެނުނު ކޭހަކީ މުޖުތަމައު ތެރޭގައި ބަލި ފެތުރިފައިވާ ކަމަށް ސިއްހީ މާހިރުން ނިންމި ހިސާބެކެވެ. އެއީ އެމީހާއަށް ބަލި ޖެހުނު ގޮތް މިއަދާ ހަމައަށްވެސް ހޯދިފައި ނުވުމެވެ. އެއަށްފަހު ކޮންމެ ދުވަހަކުވެސް ރާއްޖެއިން ބަލި ޖެހިފައިވާ މީހުން ދިޔައީ ފެންނަމުންނެވެ. ކުލަސްޓާއަކަށްފަހު ކުލަސްޓާއެއް އުފެދި، ބޮޑުވަމުންދިޔަ އެވެ. ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދިޔައީ ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުންނެވެ. އެއާއެކު، މުޖުތަމައުގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރުމަށް މުޅި މާލެ ލޮކްޑައުން ކުރިއެވެ. އޭގެ ދެތިން ދުވަސް ފަހުން މުޅި ރާއްޖެ އެއްކޮށް ލޮކްޑައުން ކުރިއެވެ. ކޮވިޑް 19 ރާއްޖެއިން ފެނުމާއެކު، ރާއްޖޭގެ ބޯޑަރުތަކުގައިވެސް ބޮޑުތަޅު އަޅުވައި، މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދޮރު ބަންދުކޮށްލިއެވެ. ގައުމު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އިގްތިސޯދީ އަދި އިޖުތިމާއީ އެތައް މައްސަލައެއް ފެންމަތި ވިއެވެ. އެތައް ވިޔަފާރިއެއް ބަނގުރޫޓު ވެ، އަތްމަތި ދަތިވެ ނާށިގަނޑު ހިފައިގެން މަގުތަކަށް ނުކުންނަ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ.
ބަލި ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުމާއެކު، ލޮކްޑައުނަށް ލުއިތަކެއްދީ، އަނެއްކާވެސް ބޯޑަރުތައް ހުޅުވައިލިއެވެ. އެއީ ހީނަރުވެފައިވާ ގައުމުގެ އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށެވެ. މަޑުމަޑުން އާ އާންމު ހާއްލަތަށް ރުޖޫއަ ވެވޭތޯއެވެ. ކޮވިޑާ އެކު އުޅެން ދަސްކުރެވޭތޯއެވެ.
ނަމަވެސް މާލޭ ސަރަހައްދަށް އިއުލާނުކުރި ލޮކްޑައުނަށް ލުއިތައް ދިނުމުގެ ކުރިން ސިއްހީ މާހިރުން ރައްޔިތުންގެ ކިބައިން އެތައް އާދޭހެއް ކުރި އެވެ. ލޮކްޑައުންގެ ހާލަތަކަށް ދާން ޖެހުނު ސަބަބު ތަކުރާރުވިޔަ ނުދިނުމަށް އެދިއެވެ. ފިޔަވަޅުތަކަށް ބޯލެނބުމަށް ތަކުރާރުކޮށް ނަސޭހަތްތެރި ވިއެވެ. ބަލި އަނެއްކާވެސް ފެތުރިގެން ގޮސްދާނެކަމުގެ އިންޒާރު އޭރުވެސް ދިނެވެ. އޭރުން ހާލަތު އިތުރަށް ގޯސްވެ، އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާނެ ކަމަށްވެސް ބުންޏެވެ.
ލޮކްޑައުނަނަށް ލުއިތައް ދިނުމާއެކު ގިނަ ބަޔަކަށް ހީވީ ބަންދުވެފައި އިން ކޮށްޓަކުން ސަލާމަތް ވެވުންހެނެވެ. އީދެއް އައި ހެނެވެ. އެއްވެސް ފިކުރެއްނެތި މަގުތަކުގައި އުޅެން ފެށިއެވެ. ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތިއެވެ. ގުރޫޕް ކޮފީތަކާއި، ފިނިބުރު ޖެހުމުގައި އެތައް ބަޔަކު އަވަދިނެތި އުޅެން ފެށިއެވެ. ޕާކުތަކުގައި ކުޑަކުދިން އޮތީ ފުނިޖެހިފައެވެ. ގައިދުރުކަން ގެއްލިއްޖެއެވެ. އެތައް ބަޔަކު އެއްވެ، ޕާޓީތަކާއި ހަފުލާތައް ބާއްވަން ފެށިއެވެ. ނަމަވެސް ކަމުގެ ހަގީގީ ބިރުވެރިކަން އިހްސާސްކުރެވޭ ބައެއް މީހުން ލުއިތަކާއެކުވެސް އުޅުނީ ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށެވެ. އެ މީހުން ފިޔަވައި އެހެން މީހުންނަށް، މީގެ ދެތިން މަހެއްހާ ދުވަސް ކުރިން ދިވެހިން ތަހައްމަލު ކުރި ވޭން އިހްސާސް ނުވާ ކަހަލައެވެ.
ލޮކްޑައުން ކުރުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ސަރުކާރުން ފުރަތަމަ ނިންމީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އެވެ. އޭރު ކޮވިޑު ޖެހުނު މީހުންގެ މުޅި ޖުމްލަ އަދަދު ހުރީ 1،547 ގަ އެވެ. ނަމަވެސް ޖުލައި މަހުގެ ފަހުކޮޅަށް އައިއިރު، އެ އަދަދު ވަނީ 3،000 ފަހަނައަޅައި ގޮސްފައެވެ. ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށީ ޖުލައި މަހުން ފެށިގެންނެވެ. އެގޮތުން ޖުލައި މަސް ފެށުނު އިރު ރާއްޖޭގައި ކޮވިޑު ޖެހުނު ޖުމުލަ އަދަދު ހުރީ 1،954 ގަ އެވެ. ޖުލައި މަސް ނިމުނު އިރު ކޭސްތަކުގެ އަދަދު އުޅެނީ 3،500 އަށް ވުރެ މަތީގައެވެ.
ޖުލައި މަސް ނިމި މިހިނގާ އޮގަސްޓު މަހުގެ މިހާތަނަށް އައިއިރުވެސް، ކޭސްތަކުގެ އަދަދު ދަށެއް ނުވެއެވެ. ދުވަހަކަށް ވުރެ ދުވަހެއް ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި ފަހަކަށް އައިސް އެވްރެޖުކޮށް ކޮންމެ ދުވަހަކު 120 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެއެވެ. ރާއްޖެ ފަދަ ކުޑަގައުމަކަށް ބަލާއިރު، މިއީ މަދު އަދަދެއް ނޫނެވެ. ފުރަބަންދު ކަރަންޓީނަށް ދިއުމުގެ ހުއްދަ ދޭން ފެށުމުން އަތޮޅުތެރޭގެ ބައެއް ރަށްރަަށްވެސް ވަނީ ބަލި ފެތުރިފައެވެ. ރާއްޖެއަށް ފަތުރުވެރިން ގެންނަން ފެށުމުގެ ސަބަބުން ބައެއް ރިސޯޓުތަކުންވެސް ޕޮޒިޓިވް ކޭސްތައް ދިޔައީ ދަނީ ފެންނަމުންނެވެ. ރާއްޖޭގައި ކޮވިޑު ޖެހުނު ޖުމުލަ މީހުންގެ އަދަދު މި ވަނީ 7000 އަށް އަރަން ކައިރި ވެފައެވެ. މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދާ ހަމައަށް މިބަލީގައި 28 މީހަކު މަރުވެފައި ވެއެވެ.
މިމަހުގެ ތެރޭގައި އެކްޓިވް ކޭސްތަކުގެ އަދަދުވެސް ރެކޯޑް މިންވަރަކަށް އިތުރުވިއެވެ. ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމުން ސިއްހީ މާހިރުން ވަނީ، ރާއްޖޭގެ ހާލަތު ކުރިއަށް ލަފާކުރެވޭ ގޮތުގެ ބިރުވެރި ކުރެހުން ރައްޔިތުންނަށް ކުރަހައި ދީފައެވެ. ރާއްޖޭގެ ސިއްހީ ކެޕޭސިޓީއަށް ނުތަކާ ވަރަކަށް ކޭސްތައް ޕޮޒިޓިވްވާ ނަމަ ފަރުވާ ނުދެވި އެތައް ބަޔަކު ދޫކޮށްލަން ޖެހިދާނެ ކަމަށް ދިޔައީ ވިދާޅުވަމުންނެވެ. އަދި ކޮވިޑްގެ ބަލި މީހުން ގިނަވެއްޖެނަމަ ޓްރައޭޖް ކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. ޓްރައޭޖް ކުރުމަކީ ފަރުވާދޭން ޖެހޭ މީހުންތައް އެމީހެއްގެ ބަލި ހާލަތު ހުރިގޮތެއް ބެލުމަށްފަހު އިސްކަންދޭނެ ގޮތެއް ކަނޑައެޅުމެވެ.
"ދުނިޔޭގެ ގައުމުތަކުގައި ގިނަ މީހުން މަރުވެފައިވަނީ ދޭންޖެހޭ ފަރުވާ ނުދެވިގެން. އަދި މާލޭގައިވެސް މި ގޮތަށް ކޭސްތައް ގިނަ ވެއްޖެނަމަ އަޅުގަނޑުމެން ޖެހިދާނެ ޓްރައޭޖް ކުރަން. ޓްރައޭޖްގެ މާނައަކީ އެމީހެއް ސަލާމަތްކުރެވިދާނެ ކަމަށް ބަލާ މީހުންގެ ތެރެއިން ކޮން ބަޔަކުތޯ އެމީހުން އެޑްމިޓްކޮށްފައިވާ ފަރުވާދޭނީ އެ ގޮތަށް ނިންމުން. މިހާރު އަދި ނުޖެހޭ އެއްގޮތަކަށްވެސް އެހެން ޓްރައޭޖް ކުރާކަށް. އެހެން ނަމަވެސް ކޭސްތައް ގިނަވެ، ހޮސްޕިޓަލްތައް މަދުވެއްޖެނަމަ އަޅުގަނޑުމެން ޖެހޭނީ ޓްރައޭޖްއެއް ކުރަން،" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.
އަތްދޮވުމާއި ގައިދުރުކަން ބެހެއްޓުމާއި މިފަދަ ރައްކާތެރިކަމުގެ ވަރަށް "ސިމްޕަލް" ކަންކަން ކުރުމަށް ޑޮކްޓަރުންނާއި ސިއްހީ މާހިރުން ކެނޑިނޭޅި ނަސޭހަތްތެރިވަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް އެ ނަސޭހަތްތަކަށް ބީރުކަންފަތެއް ދީ އަޅައިފައިވާ ފިޔަވަޅުތަކަށް ފަރުވާލެއްނެތި އުޅުމުގެ ނަތީޖާ އަކަށްވީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހަށްވުރެ ދުވަހެއް އިތުރުވުމެވެ. އެއާއެކު، ބަލި ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުން މަޖުބޫރުވެގެން ދިޔައެވެ. މާސްކް އެޅުން މަޖުބޫރުކޮށް، ވަކި ގަޑިއެއްގައި މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ފެށިއެވެ. ނަމަވެސް އެކަމުންވެސް ލުޔެއް ނުފެނުނެވެ. ފިޔަވަޅުތަކަށް ބޯލެނބީ މަދު ބައެކެވެ. ފަރުދީ ޒިންމާ ނަގަން އެނގުނީ މަދު ބަޔަކަށެވެ. ކުޑަކުޑަ ކެތްތެރިކަމެއް އިސްކޮށްގެން ބޮޑެތި ލުއިތަކަށް ދެވިދާނެކަމަށް އެއިރު ސިއްހީ މާހިރުން ވިދާޅުވިނަމަވެސް މިއަދު އެރާގު ވަނީ ބަދަލުވެފައެވެ. ކޭސްތައް އިތުރުވަމުންދާނަމަ އިތުރު ލޮކްޑައުނެއް ގެންނަން ޖެހިދާނެ ކަމަށް ސިއްހީ މާހިރުން އަންނަނީ ވިދާޅުވަމުންނެވެ.
ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ދާދި ފަހުން ވިދާޅުވީ، މިހާރު ކޭސްތައް އިތުރުވަމުންދާގޮތުން ބަލާނަމަ ސިއްހީ ނިޒާމަށް ކަތާނެތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭ ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާ ނިމުނުއިރު މާލޭގައި ކޮވިޑަށް ފަރުވާދޭ އެނދުގެ 62 ޕަސެންޓް ފުރިފައިވާކަން ކަމަށާއި، މިއީ ލޮކްޑައުނަކަށް ދާން ވީ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.
"ޓެކްނިކަލީ ބުނަންޏާ، އަޅުގަނޑު ޕާސަނަލީ ޕަބްލިކް ހެލްތު މީހެއްގެ ގޮތުގައި ބުނާނަމަ އިޓްސް ޓައިމް ފޮ އަ ލޮކްޑައުންއޭ. އެކަމަކު ސޯޝަލް އިކޮނޮމިކް ސިޗުއޭޝަންސްއާ ހެދި ކިހިނެއް ހެއްޔޭ މީތި ބެލެންސް ކުރާނީ. އަދިވެސް މެނޭޖްކުރެވޭނެ ހެއްޔޭ ލޮކްޑައުންއަކަށް ނުގޮސް،" ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ، އެހެން ގައުމުތަކުގައި މީހުން މަރުވެގެން ދަނީ ސިއްހީ ނިޒާމަށް ނުތަކައިގެން ގޮސް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް އިތުރުވުމާއެކު އެމީހުންނަށް ފަރުވާ ދެވޭނެ އެނދާއި ޑޮކްޓަރުންނާއި ނަރުހުން ވެސް ނެތިގެން ކަމަށެވެ.
"ރާއްޖޭގެ ސިޗުއޭޝަންގައި އެނދުގެ ވާހަކަ އެކަނި މިދައްކަނީ. ޕަބްލިކުގައި ނުދައްކާ ޑޮކްޓަރުންނާއި ނަރުހުން މަދު ވާހަކައެއް. އާންމު ހާލަތުގައި ކޮންމެ ފަސް އެނދަކަށް އެއް ނަރުސް ހުރޭ. މިހާރު 30 އެނދަށް އެއް ނަރުސް ލައިގެން. ދެން ވިސްނާލެވޭނެ ކޮލިޓީ އޮފް ކެއާއަށް ވާނެ ގޮތް. ޑޮކްޓަރުގެ ޝޯޓޭޖެއް ވެސް އެބަ އޮތް،" ޑރ. ޝީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ޝީނާ ވިދާޅުވީ، ސީދާ ލޮކްޑައުންއަކަށް ގޮސްފިއްޔާ ބަލި ކޮންޓްރޯލް ކުރަން ފަސޭހަވާނެ ކަމަށާއި ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ދަށްވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން އުޅެން ޖެހޭ ހާލު ރައްޔިތުން މީގެ ކުރިން ތަހައްމަލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި އިއްޔެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފުވެސް ވަނީ މިހާރުގެ ހާލަތަށް ބަލާއިރު އިތުރު ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރެއް ދީފައެވެ. ނަމަވެސް ލޮކްޑުނަށް ދިއުމަކީ އެންމެ ފަހުގެ މަރުހަލާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭގެ އެންމެ ފަހުގެ މަރުހަލާގައި ގިނަވެގެންދާ ކަމަށް ވާނަމަ ލޮކްޑައުންއަކަށް ދާންޖެހޭނެ. އަޅުގަނޑު ނުދަންނަވަން މިއަދު ލޮކްޑައުންއަކަށް ދާން ޖެހެޔެކޭ. ނަމަވެސް އަޅުގަނޑުމެންނަށް ކޮންޓްރޯލް ނުކުރެެވިއްޖެއްޔާ ލޮކްޑައުންއަކަށް ދާންޖެހޭނެ. ލޮކްޑައުންއަކަށް ދާން މި ޖެހެނީ ބަލި ކޮންޓްރޯލު ކުރަން ދިވެހިންގެ ފުރާނަ ސަލާމަތްކުރަން،" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.
އަލީ ލަތީފް ވިދާޅުވީ ލޮކްޑައުންއަކަށް ދިއުމަކީ ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭނެ ކަމެއް ކަމަށާއި އެ ދަތިތައް ރައްޔިތުން ތަހަންމަލު ކޮށްފި ކަމަށެވެ. ނަމަވެސް ކޭސްތައް އިތުރުވާނަމަ ލޮކްޑައުންއަަކަށް ދިއުން ނޫން އެހެން ގޮތެއް ނޯންނާނެ ކަމަށާއި އެ ފިޔަވަޅު އަޅަން ޖެހެނީ ދިވެހިންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
"އެޗްޕީއޭއިން ދަންނަވާ ދެންނެވުމުންތަކަށް ސަމާލުކަން ދޭން ޖެހޭ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް މެނޭޖެއް ނުކުރެވޭނެ. ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީއެއް ނުހުންނާނެ. އެވަރަށް ޑޮކްޓަރުންނެއް ނުތިބޭނެ. އެވަރަށް ނަރުހުންނެއް ނުތިބޭނެ. އަޅުގަނޑުމެންނަށް މެނޭޖެއް ނުކުރެވޭނެ. އެހެން ވެއްޖެނަމަ ދިވެހިންގެ އެތައް ބައެއްގެ ފުރާނަ ގެއްލޭނެ. އެކްޝަންތައް ނެގުމަކީ ފަހަރެއްގައިވެސް މީހުންނަށް އުނދަގޫކުރަން ކުރާ ކަމެއް ނޫން،" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފްގެ އިތުރުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލާއިރު، ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށެވެ. އެހެންކަމުން ދެވަނަ ލޮކްޑައުނަކަށް ގައުމު ގެންދިއުމާއި ނުގެންދިއުން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކޮށްފިނަމަ މިހާރުގެ އަންދާޒާތަކަށް ބަލާއިރު، ޑިސެންބަރު މަހާ ހަމައަށްދާއިރު ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް އެ ދެ ބޭފުޅުންވެސް ވިދާޅުވިއެވެ.
ލޮކްޑައުންގެ ވޭން ދިވެހިން މިހާރު ތަހައްމަލުކޮށްފިއެވެ. ގެތަކުގައި ބަންދުވެގެން ތިބުން ދިވެހިންނަށް މިއަދު އާދަވެއްޖެއެވެ. އެހެންކަމުން، އަލުން އަނބުރާ ގައުމު ބަންދުކޮށް، އިގްތިސޯދީ ހަރަކާތްތައް ހުއްޓާލުމުގެ ކުރިން ފަރުދީ ޒިންމާ ނަގައި މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރާއި ސިއްހީ މާހިރުންނަށް އެއްބާރުލުންދޭން އެބަޖެހެއެވެ. ދެވަނަ ލޮކްޑައުނަށް ދިޔަ ނުދީ ފަރުޖެހޭތޯ ބަލަން އެބަޖެހެއެވެ. ބަސް އަހަން އެބަ ޖެހެ އެވެ. ޑޮކްޓަރުންގެ އާދޭސްތައް އަޑު އަހަން އެބަ ޖެހެ އެވެ. ހަގީގީ ހާލަތު އެންމެ ބޮޑަށް އެންމެ ކައިރީން އެނގޭނީ އެމީހުންނަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް