ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އަމާޒަކީ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިރެއިން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00ގެ ފަހުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަން އެޗްޕީއޭ އިން ނިންމި ނިންމުމާ ގުޅިގެން އާންމުން ދަނީ ގިނަ ޝަކުވާތަކެއް ކުރަމުންނެވެ. އެގޮތުން ރޭގަނޑު 8:00ގެ ފަހުން އެއްގަމު އުޅަނދު ދުއްވުން މަނާކުރި ނަމަވެސް ފިހާރަތައް ރޭގަނޑު 9:30 ވަންދެން ހުޅުވާފައި ބެހެއްޓުމުން ބައެއް މީހުން ދަނީ އެޗްޕީއޭގެ އާ ނިންމުމަކީ ދެކޮޅު ޖެހޭ ނިންމުމެއް ނޫން ކަމަށް ބުނަމުންނެވެ. ބައެއް މީހުން ދަނީ އެ ނިންމުން ނިންމަން ޖެހުނު ސަބަބު ހާމަކުރުމަށް ގޮވާލަމުންނެވެ.
އެކަމާ ގުޅިގެން އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިދިޔަ ހަފުތާގައި ބަލި ޖެހުނު މީހުންގެ އަދަދާއި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެޑްމިޓްކުރި މީހުންގެ އަދަދުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް މަތިވެފައިވާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަޖުބޫރު ވެފައިވާ ކަމަށެވެ.
އެގޮތުން އާ އުސޫލުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށެވެ. ނަމަވެސް މި ފިޔަވަޅުތަކަކީ ކޮންމެ ހަފުތާއެއްގެ ހާލަތަށް ރިއާޔަތްކޮށް މުރާޖައާ ކުރެވިގެންދާނެ ފިޔަވަޅުތަކެއް ކަމަށާއި ބަލި ޖެހޭ މީހުންނާއި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ މީހުން މަދުވެ، ހާލަތު ރަނގަޅުވާ ވަރަކުން ފިޔަވަޅުތައް ލުއިކޮށް އުވާލެވޭނެ ކަމަށް އެ އެޖެންސީން ބުނެ އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޖުމުލަ އަދަދު 6660 އަށް އަރާފައިވާއިރު އެ ބަލި ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ޒުވާނުންނެވެ. އެގޮތުން އުމުރުން 21 އަހަރާއި 30 އަހަރާ ދެމެދުގެ 1716 މީހަކަށް މިހާތަނަށް ކޮވިޑް ޖެހިފައިވެ އެވެ. މިއީ ކޮވިޑް ޖެހުނު ޖުމްލަ އަދަދުގެ 25 ޕަސެންޓެވެ.
"އަޅުގަނޑުމެންގެ އިލްތިމާސަކީ ހުރިހާ ބޭފުޅުންވެސް ބަލި ފެތުރުން މަޑު ޖެއްސުމަށް އަޅުގަނޑުމެންނާއެކު މަސައްކަތްކޮށްދެއްވުން،" އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)