މި ދުވަސްވަރަކީ ރާއްޖެއަށް ވެސް ހޫނުމިން މަތިވަމުންދާ ދުވަސްވަރަކަށްވާތީ ހޫނުގަދަވުމުގެ ސަބަބުން ސިއްހަތަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް އިރުޝާދުދީ، ކުއްލި ހާލަތްތަކުގައި އަމަލުކުރަންވީ ގޮތްތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން ކުރު މުއްދަތުގައި ސިއްހަތަށް އެކިކަހަލަ ނޭދެވޭ އަސަރުތައް ކުރެއެވެ. އޭގެ ތެރޭގައި ލޮލަށް އުނދަގޫވުމާއި، ވަރުބަލިވުމާއި، ހަށިގަނޑުން ފެން މަދުވުމާއި، މަސްތަކުގައި ރިއްސައި ވާންވުމުގެ އިތުރުން ބޮލުގައި ރިއްސުމާއި ބޯއެނބުރުން އަދި ހަމުގައި ބިހިނެގުން ހިމެނެއެވެ.
މީގެ އިތުރުން ހޫނުގަދަވުމުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހުމާއި، ހީޓް އެކްޒޯޝަން ކުރިމަތިވުމާއި، ހޭނެތުމުގެ އިތުރުން ހިތާއި ފުއްޕާމެޔާއި ކިޑްނީގެ ބަލިތައް ހުންނަ މީހުންގެ ހާލަތު އިތުރަށް ގޯސްވުން ފަދަ ނުރައްކާތެރި މައްސަލަތައް ދިމާވެދާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.
ހީޓް ސްޓްރޯކް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ހޭނެތުމާއި، ހަށިގަނޑުގެ ހޫނުމިން 40 ޑިގްރީސް ސެލްސިއަސްއަށްވުރެ މަތިވުމާއި، ހަންގަނޑު ރަތްވެ ހޫނުވުމާއި، ވިންދު އަވަސްވުން ހިމެނެއެވެ. މިއީ ކުއްލި ފަރުވާ ބޭނުންވާ ސީރިއަސް ހާލަތެކެވެ.
ހޫނުގަދަވުމުގެ ސަބަބުން މީހަކަށް ވަރުބަލިކަން ނުވަތަ ހީޓް އެކްޒޯޝަންގެ އަލާމާތެއް ފެނިއްޖެނަމަ، އެމީހަކު ވަގުތުން ހިޔާ ބޮޑު ތަނަކަށް ބަދަލުކުރުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އަދި ލައިގެން ހުރި އަންނައުނު ދޫކޮށް، ހަށިގަނޑުގައި ފިނިފެން އުނގުޅައި، ހޭ ހުރިނަމަ ބޯނެ ފެންދޭން ޖެހެއެވެ. އަލާމާތްތައް އިތުރަށް ގޯސްވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަންޖެހެއެވެ.
ހީޓް ސްޓްރޯކްގެ އަލާމާތެއް މީހެއްގެ ކިބައިން ފެނިއްޖެނަމަ ވަގުތުން އެމްބިއުލަންސަށް ނުވަތަ ކުއްލި ސިއްހީ ހިދުމަތަށް ގުޅަންޖެހެއެވެ. އެއަށްފަހު އެމީހަކު ހިޔާބޮޑު ނުވަތަ އޭސީކޮށްފައިވާ ތަނަކަށް ބަދަލުކޮށް، ނުވަތަ ބޭނުންނުވާ އިތުރު އަންނައުނު ދޫކޮށް، ތެތް ފޮތިގަނޑެއް ނުވަތަ ތުވާއްޔަކުން ހަށިގަނޑު ފިނިކޮށްދޭން ޖެހެއެވެ. މިފަދަ ހާލަތެއްގައި އޭނާއަށް ބުއިމަށް އެއްވެސް އެއްޗެއް ނުދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
މިފަދަ ހާލަތްތަކުގައި އެމީހާގެ ހާލަތު ވަރަށް ނާޒުކުކޮށް ބަލަހައްޓައި، ހާލަތު ރަނގަޅުވާކަމުގެ ނުވަތަ އިތުރަށް ގޯސްވާކަމުގެ އަލާމާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ކޮމެންޓް