ރާއްޖޭގައި ކޮވިޑް19 ފެތުރުން އެއްވެސް ކޮންޓްރޯލެއް ނެތި ކުރިޔަށް މިދާ ދިއުމަށް ހުއްޓުވުމެއް ގެނައުމަށްޓަކައި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މަސައްކަތް އަލުން ފެށުމަށް ކުރީގެ ފޮރިން މިނިސްޓަރު، އަދި ކޯލިޝަން ޕާޓުނަރު ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ.
ދުންޔާ މި ކަމަށް ގޮވާލެއްވީ އޭނާ ރޭގެ ވަގުތެއްގައި ކުރައްވާފައިވާ ޓުވީޓެއްގަ އެވެ.
ކޮވިޑް ފެތުރޭ މިންވަރު އެއްވެސް ކޮންޓްރޯލެއް ނެތި ކުރިޔަށްދާކަން ފާހަގަކުރައްވައި ދުންޔާ ވިދާޅުވީ މިދިޔަ މަހެއްހާ ދުވަހަށް ބަލާއިރުވެސް މި ބަލި ރާއްޖޭގައި ފެތުރޭ މިންވަރު ހުރީ ދުވާލަކަށް ތިން އަކުރުގެ އަދަދެއްގައި ކަމަށެވެ. އެހެން ނަމަވެސް ބަލި ކޮންޓްރޯލުކުރުމަށް ކުރަމުން އަންނަ މަސައްކަތް އެއީ ގައުމީ ފެންވަރެއްގައި އެފަދަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްގެ ގޮތުގައި ނުފެންނަ ކަމަށެވެ.
"ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް އިސްކަން ދެމާ ހިންގަވާ!. އެންއީއޯސީގެ މަސައްކަތްތައް އަލުން ފަށައި މި ޕެންޑެމިކް ކޮންޓްރޯލަކަށް ގެންނަން އަޅުގަނޑު ސަރުކާރަށް ގޮވާލަން." ދުންޔާ ވިދާޅުވިއެވެ.
ދުންޔާ މި މޭރުމުން ވާހަކަދެއްކެވި އިރު ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ފާއިތުވި މަހެއްހާ ދުވަސްތެރޭ ވަނީ އާދަޔާ ހިލާފަށް ގިނަ ވެފަ އެވެ. އެ ގޮތުން މި ހިނގާ އޯގަސްޓު މަހަކީ އެންމެ ގިނަ އަދަދެއްގެ މީހުންނަށް ބަލި ޖެހޭނެ މަސް ކަމަށް ވިދާޅުވެ އަންދާޒީ އަދަދުތަކެއް ޑރ. ޝީނާ މޫސާ ދާދި ފަހުން ހިއްސާކުރެއްވި އެވެ. އެ ތަފާސް ހިސާބުގައި މި އޯގަސްޓް މަހުގެ ތެރޭގައި ބަލި ޖެހޭނެ ކަމަށް އަންދާޒާ ކުރެއްވި އަދަދަށްވުރެ އިތުރު މީހުންނަށް މަހުގެ 20 އަށް އެރި އިރު ވަނީ ބަލި ޖެހިފައެވެ.
މީގެ އިތުރުން ފާއިތުވި ހަފުތާއެއްހާ ދުވަހަށް ބަލާ އިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި އިތުރު މީހަކު އަންނަނީ މަރުވަމުންނެވެ.
މާލޭ ސަރަހައްދުގައި ބަލި ފެތުރިފައިވާ މިންވަރަށް ބަލާއިރު ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން އިން ސީދާ ބައްދަލުވެފައިވާ މީހުންގެ އަދަދު މަދު ކަމަށް ދެއްކި ނަމަވެސް ދުވާލަކަށް އަލަށް ބަލި ޖެހޭ މީހުންގެ އެވްރެޖް މި މަހު ހިފެހެއްޓިފައި ހުރީ 130 އާއި 200 އާ ދެމެދުގަ އެވެ. މި ތަފާސް ހިސާބަށް ބަލާއިރު އެނގެނީ މުޖުތަމައު ތެރެޔަށް ވަރަށް ފުޅާކޮށް މި ބަލި ފެތުރިފައިވާ ކަމެވެ.
މާލޭ ސަރަހައްދުގެ ހާލަތު މިގޮތަށް އޮތް އިރު އަތޮޅުތަކަށް ވެސް މި ބަލި މިހާރު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އެ ގޮތުން އިއްޔެ ނިޔަލަށް ބަލާއިރު، 7 އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅަކަށް ވަނީ ކޮވިޑް ފެތުރިފަ އެވެ.
ދުންޔާ މައުމޫން
ދުންޔާ މައުމޫން
ދުންޔާ މައުމޫން
ދުންޔާ މައުމޫން