ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ފޯމު ހުށަހަޅުއްވައިފިއެވެ.
ދުންޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ގާބިލިއްޔަތުކަން ތަންދިން އެންމެ ބޮޑު މިނަކަށް އެ ދާއިރާގެ ރައްޔިތުންނަށް ހިދުމަތްކުރައްވަން ބޭނުންވާ ކަމަށެވެ.
"ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުން އަޅުގަނޑު އިތުބާރުކޮށްދިނުމަށް އެދެން. ސަރުކާރާ ގުޅިގެން ދާއިރާގެ ތަރައްގީއަށާއި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރާނަން،" ދުންޔާ ވިދާޅުވިއެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، ޕީޕީއެމްއަށް ސޮއިކުރައްވާފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހުޅުމާލޭގައި ބޭއްވެވި ކެމްޕޭން އިވެންޓެއްގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ދުންޔާ ވަނީ އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ސަރުކާރުގައި 2006 އިން 2008 ވަނަ އަހަރަށް ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމާއި 2012 އިން 2013 ވަނަ އަހަރުގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ދުންޔާ ވަނީ 2013 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ފޮރިން މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވައިފިއެވެ. އެ ފަހުން 2017 ވަނަ އަހަރު ދުންޔާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވައިފައެވެ.
ސްޓޭޓް މިނިސްޓަރުގެ މަގާމުން ދުންޔާ އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރުއެވެ. އެއީ ދުންޔާގެ ބައްޕާފުޅު، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ޒައީމް، މައުމޫން އަދި ދުންޔާގެ ބޭބެ ފާރިސް މައުމޫން ހައްޔަރުކުރެއްވުމާ ގުޅިގެންނެވެ.
މީގެ އިތުރުން އޭނާ ވަނީ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެހެން ބައެއް މަގާމުތައް ވެސް ފުރުއްވައިފައެވެ. އެގޮތުން ޔުނައިޓެޑް ނޭޝަންސް އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އައޯސިސް)ގެ ޗެއާގެ މަގާމު ދުންޔާ ވަނީ އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު