ރާއްޖޭގެ ވެރިކަމުގައި ރައީސް މައުމޫން އަބްދުލް ގައްޔޫމް 30 އަހަރު ވާންދެން ހުންނެވިއޭ ބުނުމުން މިހާރު އެ ކަން ފުދޭނީ ޖޯކަކަށެވެ. މި ޒަމާނުގައި ރަސްކަމެއްވެސް އެހާ ދިގު މުއްދަތަށް ދެމިގެން އައުމަކީ ފަސޭހަ ކަމަކަށް ނުވާތީއެވެ. ޖުމުހޫރީ ވެރިކަމެއްގައި އެއީ ހަގީގަތުގައި ވެސް އަޖައިބެއްގެ ގޮތުގައި ގަބޫލުކުރާން އެންމެ ރަނގަޅު ކަމެއް ކަމަށް ބައެއް މީހުން ބުނާނެ އެވެ. އެކަމަކު ހަގީގަތަކީ އެއީ އެވެ. އެއީ ރާއްޖޭގެ ފަހުގެ ތާރީހެވެ. މައުމޫނަށް ރައީސްކަން ގެއްލިވަޑައިގަތީ 30 އަހަރު ވެރިކަން ކުރެއްވުމަށްފަހު އިތުރު ފަސް އަހަރު، އާދެ 35 އަހަރު ފުރިހަމަ ކުރެއްވުމަށް ރިޔާސީ ރޭހުގައި ވާދަކުރައްވައި ހޮވިވަޑައިނުގަތީމަ އެވެ. ވެރިކަން ނިމުނީ 2008 ވަނަ އަހަރު އެވެ.
1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ދެމެދު ބޭއްވި ރިޔާސީ އެއްވެސް އިންތިހާބެއްގެ ވޯޓު ކަރުދާހުގައި ރައީސް މައުމޫނުގެ ނަންފުޅު ނޫން އެހެން ނަމެއް ނޯވެ އެވެ. ނަގަނީ ފެންނަ ނުވަތަ ނުފެންނަ ވޯޓެކެވެ. އެގޮތަށް ނިންމަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ފަސް އަހަރުގެ ހަ ދައުރަށްވެސް ރައީސް މައުމޫނު ހޮވިވަޑައިގަތީ 90 ޕަސެންޓަށްވުރެ މަތީން ރައްޔިތުންގެ ތާއީދު ލިބިވަޑައިގެންނެވެ. ބައެއް ރަށްރަށުން 100 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި ކަމަށް ނަތީޖާގައިވެ އެވެ.
2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަކީ 1978 އަހަރަށް ފަހު، ރައީސް މައުމޫނު ފިޔަވައި އެހެން ނަމެއް ވޯޓު ކަރުދާހުގައި އޮތް ފުރަތަމަ އިންތިހާބެވެ. 209،294 މީހުނަށް ވޯޓު ލުމުގެ ހައްގު އޮތް އެ އިންތިހާބުގައި ޑީއާރްޕީން ނުކުންނަވައި ރައީސް މައުމޫނަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 45.79 ޕަސެންޓެވެ. އެމްޑީޕީގެ ކެންޑިޑޭޓު، މުހައްމަދު ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވީ 54.21 ޕަސެންޓު ވޯޓު ހޯއްދަވައިގެންނެވެ. ވޯޓާސް ޓާން އައުޓް، ނުވަތަ ވޯޓުލާން ނުކުތް މީހުންގެ އިންސައްތައަކީ 86.58 އެވެ. ރަައީސް ނަޝީދަށް 97222 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް މައުމޫން 82121 ވޯޓު ހޯއްދެވި އެވެ. ތިރީސް އަހަރު ވެރިކަން ކުރެއްވުމަށްފަހު ހަތް ވަނަ ދައުރަކަށް ކުރިމަތިލައްވައިގެންވެސް، އިންތިހާބު ކާމިޔާބުކުރެއްވުމަށް މައުމޫނަށް މަދުވީ އެންމެ 15101 ވޯޓެވެ. އަދިވެސް ސަޕޯޓު އެބަ އޮތްކަން މި ނަތީޖާއިން ސާފުކޮށް އެނގެއެވެ.
އެއީ އެދުވަހެވެ. އެހެންނަމަވެސް މިއަދުވެސް ރައީސް މައުމޫނަށް ތާއީދުކުރާ މީހުން މަދެއް ނޫނެވެ. އެމަނިކުފާނަށް ގަދަރާއި އިހުތިރާމުކުރާ މީހުން ގިނަ އެވެ. އެ މަނިކުފާނަށް ނިކަމެތިކަމެއް ލިބުމަށް ދިވެހި ގިނަ ރައްޔިތުން ބޭނުމެއް ނުވާނެ އެވެ.
އެކަމަކު ރައީސް މައުމޫނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަލުން ކުރިމަތިލައްވައިފި ނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އެ މަނިކުފާނަށް ގަދަރާއި އިހުތިރާމު ކުރާ އެންމެން އެ މަނިކުފާނަށް ވޯޓު ދޭނެ ހެއްޔެވެ؟ ނޫނެކެވެ. ނުދޭނެ އެވެ. މިއަދު ދިވެހި ރައްޔިތުން ރައީސް މައުމޫނު ބަލައިގަންނަނީ ސިޔާސީ ބޭފުޅަކަށްވުރެ ބޮޑަށް ކުރީގެ ރައީސެއްގެ ގޮތުން، ގައުމަށް އަގު ނުކުރެވޭ ވަދަ ހިދުމަތްތަކެއް ކޮށްދެއްވި ވެރިއެއްގެ ގޮތުގަ އެވެ. އަލުން ރައީސްކަން ކުރައްވަން އުޅުއްވައިފި ނަމަ، 2008 ވަނަ އަހަރު ރައީސް ނަޝީދާ ވާދަކުރައްވައިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވަން މަދުވި މިންވަރަށްވެސް މައުމޫނަށް މިހާރު ވޯޓު ލިބިވަޑައެއް ނުގެންފާނެ އެވެ. އެއީ އެ މަނިކުފާނުގެ ކެޕޭސިޓީ ނެތިގެން ނޫނީ ސިޔާސީ ގޮތުން ތަސައްރުފު ނުފުދޭތީއެއް ނޫނެވެ. މިއަދު ހާލަތަށް ގައުމު ބަދަލުވި އިރު، ރައްޔިތުންގެ ވިސްނުން ހުރި ގޮތުންނެވެ. ރައީސް މައުމޫން 30 އަހަރު ވެރިކަން ކުރެއްވުމާއި މިއަދު އެ މަނިކުފާނުގެ އުމުރުފުޅާއި ސިއްހީ ހާލުކޮޅު ހުރިގޮތާއި މިފަދަ އެތައް ސަބަބެކެވެ. ރައީސް މައުމޫން ވެސް ދެން އަލުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމައްޗެއް ނުލައްވާނެ އެވެ.
ސަރަހައްދީ ބައެއް ގައުމުތަކަށް ބަލާއިރުވެސް، ވެރިކަމެއް ނިމިގެންދާއިރު، އާއިލާގެ ތެރެއިން ދަށުން އަރައިގެން އަންނަ ކުރިތައް ފެނެއެވެ. އިންޑިއާގެ ގާންދީ އާއިލާއަކީ މިފަދަ ނަމޫނާއެކެވެ. ރައީސް މައުމޫނު ދިގު ވެރިކަމެއް ކުރެއްވި އިރު، އެ މަނިކުފާނުގެ ބޭފުޅުންގެ ތެރެއިން ސިޔާސީ "ޕޮޕިއުލަރިޓީ" އެއް ހޯއްދެވުނީ ނުވަތަ ހޯއްދަވައިދެއްވުނީ ކިތައް ބޭފުޅުންނަށްތޯ މިއީ ސުވާލެކެވެ. ރައީސް މައުމޫނު އެމަނިކުފާނުގެ "ބޯލްޑް" ފެމިލީ ގެންގުޅުއްވީ ގަނޑުވަރުތެރޭގަ އެވެ. އެ ކުދީންގެ މޫނު ވެސް އާންމުންނަށް ފެނުމަކީ އާންމުކަމެއް ނޫނެވެ. އެއީ ރައީސް މައުމޫން ގަސްދުގައި ގެންގުޅުއްވި ސިޔާސަތެއް ކަމަށް ވެދާނެ އެވެ. ނޫނީ މައުމޫނުގެ ބޭފުޅުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަންނަވަން ބޭނުން ނުވީ ކަމަށްވެސް ވެދާނެ އެވެ. އެނގޭ ކަމަކީ، މައުމޫނުގެ ވެރިކަން ނިމުމާއި ހަމަޔަށްވެސް އެ މަނިކުފާނުގެ ބޭފުޅުން މައިދާނުގެ އިސް ސަފުން ނުފެންނަ ކަމެވެ.
ސިޔާސީ ހަރަކާތްތަކުން މައުމޫނުގެ ބޭފުޅުން ފެންނާން ފެށީ އެ މަނިކުފާނުގެ ވެރިކަމުގެ ފަހު އަހަރު އެވެ. ވެރިކަން ކުރައްވާތާ 29 އަހަރުވީ ފަހުންނެވެ. އެ މަނިކުފާނު ހަތް ވަނަ ދައުރަކަށް ހޮވުމަށް ކުރި ކެމްޕޭން ތެރެއިންނެވެ. އެ ކެމްޕޭން ތެރެއިން އެ މަނިކުފާނުގެ ހަތަރު ބޭފުޅުންވެސް ވަރަށް އެކްޓިވްކޮށް ފެނުނެވެ. އެކި ބޭފުޅުން އެކި ގޮތަށެވެ. އެއަށްފަހު މިއަދާއި ހަމަޔަށް އެ ބޭފުޅުން އެކި ގޮތްގޮތަށް އެކި ޕްލެޓްފޯމްތަކުން އަންނަނީ ފެންނަމުންނެވެ. އެކި ބޭފުޅުން އެކި މިންވަރަށެވެ.
ބޮޑު ބޭބެ، ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ދެއްވީ ދުންޔާ މައުމޫނަށެވެ. އެއީ ސިޔާސީ ގޮތުން ދުންޔާގެ ނަން އެންމެ މަޝްހޫރުވި ދުވަސްވަރެވެ. އަބަދުވެސް "އެމްބިޝަސް" ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ދުންޔާ އަކީ ސިޔާސީ މުސްތަގުބަލެއް އޮތް ބޭފުޅެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ބުނަމުން ދިޔަ އެވެ. ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ޣައްސާން މައުމޫންވެސް ހުންނެވި އެވެ. ފާރިޝް މައުމޫނަށް ސްޓޭޓް މިނިސްޓަރުކަން ދެއްވި އެވެ. ޔުމްނާ މައުމޫނަށް ޑެޕިއުޓީ މިނިސްޓަރުކަން ދެއްވި އެވެ.
ޔާމީންގެ ވެރިކަމުގެ ކުރީކޮޅުގައި މީހުން ކިޔަމުން އައީ މިހާރުވެސް ކިޔަމުން އަންނަ ކަހަލަ ވާހަކައެކެވެ. އެއް އުރައެއްގައި ދެކަނޑިއަކަށް ނޯވެވޭނެ އެވެ، ކޮންމެ ޖަލްސާއެއްގައި މައުމޫނަށް ވަކީން ޔާމީނަށް ވަކީން މޭޒު ޖަހައިގެން މާބޮނޑި ބަހައްޓައިގެން ވެރިކަމެއް ނުކުރެވޭނެ އެވެ. ގައުމީ ކޮންމެ ނިންމުމެއް ނިންމާން ދެ ރައީސުންނެއް ނުގެންގުޅެވޭނެ އެވެ. މި ފަދަ ކަންތައްތަކާ ގުޅިގެން އުފެދެމުން ދިޔަ ހައިޖާނުތައް ނުހުއްޓި، މައުމޫނާއި ޔާމީނާ ދެބޭންގެ ގުޅުން ގޯސްވީ އެވެ. އެ ގުޅުން ރަނގަޅު ނުކުރެވި، ސަރުކާރަށް ކުރާ ތާއީދުވެސް މައުމޫނު އަނބުރާ ގެންދެވީ އެވެ. އެންމެ ފަހުން ޔާމީންގެ ވެރިކަމުގައި މައުމޫން ޖަލަށްވެސް ލީއެވެ.
މިއަދުގެ ހާލަތަށް ބަލައިލަމާހެއްޔެވެ. ރައީސް މައުމޫނަށް ޕީޕީއެމްގެ ގެއްލުނީ ޔާމީންގެ ވެރިކަމުގަ އެވެ. އެއަށްފަހު މައުމޫން އިސްވެ ހުންނަވައި އެމްއާރްއެމް އުފެއްދެވިއެވެ. މިއަދު އެމްއާރްއެމް އަކީ ވެރިކަން ކުރާ ކޯލިޝަނުގެ އެއް ބައިވެރިޔާ އެވެ. ޔުމްނާ މައުމޫނަކީ މި ސަރުކާރުގެ ކެބިނެޓު މިނިސްޓަރެކެވެ. އެމްއާރްއެމްގެ މިހާރުގެ ރައީސަކީ އަހުމަދު ފާރިސް މައުމޫން އެވެ.
ރައީސް މައުމޫނު ޔާމީން ދޫކުރައްވައި ވަޑައިގެންނެވި ނަމަވެސް ޔާމީންގެ ވެރިކަން ނިމިގެން ދިއުމާއި ހަމަޔަށް ޣައްސާން މައުމޫން ޔާމީން އަރިހުގައި މަޑުކުރެއްވި އެވެ. މައުމޫނުގެ ބޭފުޅުންގެ ތެރެއިން ވެރިކަން ނިމެންދެން ޔާމީނު އަރިހުގައި މަޑުކުރެއްވި ހަމައެކަނި ބޭފުޅަކީ ވެސް ޣައްސާން އެވެ. ޣައްސާނަކީ މައުމޫނުގެ ބޭފުޅުންގެ ތެރެއިން އެ މަނިކުފާނު އެންމެ ލޯބިފުޅުވާ ދަރިފުޅު ކަމަށް ވާހަކަ ދެކެވެއެވެ. އެކަމަކު އަޅުގަނޑު ރައީސް މައުމޫނާ ކުރި އިންޓަވިއުއެއްގައި އެ ސުވާލު ދެންނެވުމުން ވިދާޅުވީ "ހުރިހާ ކުދީންނާ މެދުވެސް ކަންކަން ކުރައްވަނީ ހަމަހަމަކޮށް" ކަމަށެވެ. މިއަދު ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނު މިނިވަން ކުރުމަށް މަސައްކަތްކުރަމުން އަންނަ ޕީޕީއެމްގެ އެއް ނައިބު ރައީސަކީ ޣައްސާން މައުމޫނެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީން އަތްޕުޅުގައި އޮތް ނަމަވެސް، ރޭހުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިވަޑައިގަންނަވާ ހާލަތެއްގައި ޣައްސާނަކީ "ޗޮއިހެއް"ގެ ގޮތުގައި ދެކޭ މީހުން ޕީޕީއެމް ތެރޭގައި މަދެއް ނޫނެވެ.
އެމްއާރްއެމްގެ ޅަފަތުގައި، ފުރަތަމަ ކޯލިޝަން ހަދަން ފުރުސަތު ލިބި، އެ ވެރިކަން ނިމިގެންދާއިރު، އިތުރު ދައުރަކަށް ކޯލިޝަން ހަދާނެތޯ ކުރެވޭ ބަހުސްތަކުގައި މިއަދު އިސްވެ ހުންނެވީ ފާރިޝް މައުމޫން އެވެ. އެހެން ކަމުން އޭނާ ބޭނުން ނަމަ، ދެން އުފެދޭ ކޮންމެ ސަރުކާރަކުން ވެސް ވަޒީރުކަން ލިބުމުގެ ފުރުސަތަކީ ފަހިކޮށް އޮތް ފުރުސަތެކެވެ. އެހެން ނަމަވެސް، ރައީސް ޔާމީންގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވުމަށްފަހު، 2014 ވަނަ އަހަރު މަގާމުން އިސްތިއުފާދެއްވީ "ބޭނުންވަނީ އިލެކްޓެޑް" މަގާމެއްގައި ހުންނެވުމަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމަށެވެ. އެ ފަހަރު ދިއްގަރު ދާއިރާއަށް ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި އެވެ. އެމްއާރްއެމްގެ ވިސްނުމާ އެއްގޮތަށް ކަންކަން ފަހި ނުވާ ނަމަ، ކޯލިޝަނެއް ނުހަދާނެ ކަމަށާއި އެހާލަތުގައި އެމްއާރްއެމް އިން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނީ އަމިއްލައަށް ކަމަށް ފާރިސް ވަނީ ވިދާޅުވެފަ އެވެ. އެހެން ވެއްޖެ ނަމަ އެމްއާރްއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތު ބޮޑީ ފާރިސް އެވެ. އެކަމަކު ސިޔާސީ މަސްރަހު މިހާރު އޮތްގޮތަށް ބަލާއިރު، އެއީ ފާރިސްގެ ސިޔާސީ މުސްތަގުބަލަށް ރަނގަޅު ގޮތްތޯ ނުވަތަ ފަހަތަށް ސޮއްސައިލުމަކަށް ވެދާނެތޯ މިއީ ކުރިމަތީގައި އޮތް ސުވާލެކެވެ.
ދެން ހުންނެވީ ދުންޔާ މައުމޫނެވެ. ޔާމީންގެ ވެރިކަމަށްފަހު، ބައްޕާފުޅު ވެސް ބައިވެރިވަޑައިގެން އުފެއްދެވި އެމްޑީޕީގެ ވެރިކަމުގައި އެއްވެސް މަގާމަކުން ދުންޔާއެއް ނުފެނުނެވެ. ދުންޔާ ބޭނުންފުޅުވި ބައެއް މަގާމުތައް ލިބިވަޑައިނުގަތީ ކަމަށް ވާހަކަ ދެކެވެއެވެ. ރައީސް ނަޝީދު އެކަމަށް ހުރަސް އެޅުއްވީ ކަމަށް ވެސް ވާހަކަ ދެކެވެއެވެ. އުމަރު ނަސީރުގެ ސިޔާސީ ހަރަކާތްތަކުން ފެނުމަށް ފަހު މިހާރު ފެންނަނީ ކާނަލް ނާޒިމްގެ އެމްއެންޕީގެ ހަރަކާތްތަކުންނެވެ. އޭނާއަކީ އެ ޕާޓީގެ އެއް ނައިބު ރައީސާ އެވެ. ދުންޔާގެ ސިޔާސީ މުސްތަގުބަލު މިވަގުތު ބިނާވާނީ އެމްއެންޕީގެ ތެރެއިން ލިބޭ ފުރުސަތެއްގެ މައްޗަށެވެ. ފުރަތަމަ ބުރުގައި ނާޒިމް ވާދަކުރައްވާއިރު ރަނިންމޭޓުކަން ފަދަ ފުރުސަތެއް ލިބިވަޑައިގެންފި ނަމަ ދުންޔާ ގަބޫލުކުރައްވާނެކަމަށް ބެލެވެ އެވެ. ނާޒިމް ބައިވެރިވެވަޑައިގަންނަވާ ސަރުކާރެއް އަތުވެއްޖެ ނަމަ، ދުންޔާއަށް ކެބިނެޓުން ފުރުސަތެއް ލިބިވަޑައިގަތުމުގެ ފުރުސަތުވެސް ބޮޑެވެ.
ކޮންމެ ގޮތެއް ވިޔަސް، ރައީސް މައުމޫން އޭރު އެ ހޯއްދެވި ފަދަ މަގުބޫލު ކަމެއް އެ މަނިމަނުކުފާނުގެ އެއްވެސް ބޭފުޅަކަށް ހޯއްދެވިދާނެ ތަނެއް އަދި ނުފެނެ އެވެ. އަމުދުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަނެވިދާނެ ތަނެއްވެސް އަދި ފެންނާކަށް ނެތެވެ. އެއްވެސް ބޭފުޅެއްގެ އަމިއްލަ ޕްލެޓްފޯމެއް ނެތެވެ. ޣައްސާނާއި ދުންޔާ ތިއްބެވި ޕްލެޓްފޯމު ތަކުގައި އެބޭފުޅުންނަށް އޮތީ ކިހާ ވަރެއްގެ ފުރުސަތެއްކަމެއް ނޭނގެ އެވެ. ފާރިސް އަކީ އެމްއާރްއެމްގެ ރައީސް ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހު އަދި އޮތީ އެމްއާރްއެމް އިން ނުކުމެ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވޭނެ ގޮތަކަށް ނޫނެވެ.
ރައީސް މައުމޫން މިއަދު އެ މަނިކުފާނުގެ ބޭފުޅުން މިނިވަންކޮށް ދޫކޮށްލެއްވީ އެ ކުއްޖަކު ބޭނުން ގޮތަކަށް އެ ކުއްޖެއްގެ މުސްތަގުބަލު ބައްޓަންކުރުމުގެ ފުރުސަތު ދެއްވުމަށް ކަމަށް ވެދާނެ އެވެ. އެ ކުދީން ރަނގަޅަށް ތަރުބިއްޔަތު ކުރައްވައި ތައުލީމު ދެއްވައި ދުނިޔެއަށް ލޯ ހުޅުވައިދެއްވައިފަ އެވެ. ކުދީންގެ ސިޔާސީ މުސްތަގުބަލު ވަކި ގޮތަކަށް ގެންދިއުމަށް ކޮންޓްރޯލެއް ގެންގުޅުއްވޭނެ ބާރެއް މިއަދު އެމަނިކުފާނުގެ ނެތެވެ. މިއަދުގެ ހަގީގަތަކީ އެއީ އެވެ. މިއަދުގެ އަނެއް ހަގީގަތަކީ އެ މަނިކުފާނުގެ ކޮންމެ ބޭފުޅަކު ވެސް އެ ބައްލަވަނީ ސިޔާސީ ގޮތުން އުހަށް ވަޑައިގެންނެވޭން އޮތް މަގަކީ، އޮތް ފުރުސަތަކީ ކޮބައިތޯ އެވެ. އެކި ދަރީން އެކި ފިކުރުގެ ތެރޭގައި ތިއްބަވައިގެންވެސް އެ ކުރައްވަނީ އެ މަސައްކަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު