މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
ދުންޔާ، ޕީޕީއެމްއަށް ސޮއިކުރެއްވީ ހުޅުމާލޭގައި މިއަދު ބޭއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޖަލްސާގައެވެ. ދުންޔާ، ޕީޕީއެމްއަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި މުއިއްޒެވެ.
ދުންޔާ ވަނީ ބައްޕާފުޅުގެ ސަރުކާރުގައި 2006 އިން 2008 ވަނަ އަހަރަށް ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމާއި 2012 އިން 2013 ވަނަ އަހަރުގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކުރައްވައިފައެވެ. އަދި ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ދުންޔާ ވަނީ 2013 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރައްވައިފިއެވެ. އެ ފަހުން 2017 ވަނަ އަހަރު ދުންޔާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފައެވެ.
ސްޓޭޓް މިނިސްޓަރުގެ މަގާމުން ދުންޔާ އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރުއެވެ. އެއީ ދުންޔާގެ ބައްޕާފުޅު، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އަދި ދުންޔާގެ ބޭބޭ ފާރިސް މައުމޫން ހައްޔަރުކުރެއްވުމާ ގުޅިގެންނެވެ.
މީގެ އިތުރުން އޭނާ ވަނީ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެހެން ބައެއް މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން ޔުނައިޓެޑް ނޭޝަންސް އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އައޯސިސް) ގެ ޗެއާގެ މަގާމު ދުންޔާ ވަނީ އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު