ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލް ޣަނީީ ކޮވިޑު ޖެހިގެން ނިޔާވެއްޖެ އެވެ.

ކާނަން ޣަނީ ނިޔާވެފައި ވަނީ ކޮވިޑް ޖެހިގެން ފަރުވާ ދެމުން އަންނަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ހެލްތު އޮޕަރޭޝަންސް ސެންޓަރުން މިއަދު ބުނިގޮތުގައި ކާނަލް ޣަނީ ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށް ރޭ މެންދަމު 1:28ގަ އެވެ. ނިޔާވި އިރު އޭނާގެ އުމުރަކީ 82 އަހަރެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް ވެސް އެޗްއީއޯސީ އިން ބުނެފައި ވެއެވެ.

ކާނަލް ޣަނީ އަކީ 50 އަހަރާއި ގާތްކުރާ މުއްދަތަކަށް ގައުމީ ދިފާއީ ބާރުގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވަ އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، ލެފްޓިނެންޓް ކާނަލް ރިޓަޔަރޑް، އަބްދުލް ޣަނީީ، އަކީ 1960 ވަނަ އަހަރު އޯގަސްޓްް މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފް ގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު 48 އަހަރާއި 11 މަހާއި 4 ދުވަހުގެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

ލެފްޓިނަންޓް ކާނަލް ރިޓަޔަޑް، އަބްދުލް ޣަނީ ދިވެހި އަސްކަރިއްޔާގައި ހިދުމަތް ކުރެއްވި ދިގު މުއްދަތުގައި ގިނަ ދުވަހު ހިދުމަތް ކުރެއްވީ އެމްޑީއެފް ކޯސްޓްގާޑްގައި ކަނޑުމަތީގެ ހިދުމަތްތަކުގައެވެ. ލެފްޓިނެންޓް ކާނަލް އަބްދުލް ޣަނީީ ސިފައިންގޭގައި އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ހިދުމަތްތަކުގެ ސަބަބުން ޝަރަފުގެނިޝާނުގެ ގޮތުގައި 9 ކުލައާއި 7 މެޑަލް ލިބިވަޑައިގެންފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާދު ދެއެވެ.

ލެފްޓިނަންޓް ކާނަލް ރިޓަޔަޑް، އަބްދުލް ޣަނީ ނިޔާވުމުން، ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މި ވަނީ 25 އަށް އަރައިފަ އެވެ.