ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭނެ ކަމަށް ވައުދުވި "ޒީރޯ ޓޮލަރެންސް" ސިޔާސަތު މިއަދު ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގި ސާބިތު ވެއްޖެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މިވަގުތު ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހެލްތު މިނިސްޓްރީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ކޯވިޑް 19ގެ މިދުވަސްވަރު ހިންގި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވިތާ ގިނަ ދުވަސް ތަކެއް ފާއިތުވެގެން ދިޔައިރުވެސް އެކަންތަކުގައި އިހުމާލުވާ އެއްވެސް މީހަކު މިހާތަނަށް ހިފައި ހައްޔަރު ކޮށްފައި ނުވާކަމަށާއި، މިކަން މިގޮތަށް ދިއުމުގެ ސަބަބުން ރައީސް ސޯލިހުގެ ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް" މިއަދު ދިވެހި ރައްޔިތުންނަށް ފެނި ހާމަ ވެގެން ގޮސްފައި ކަމަށެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ ސީދާ އެ މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫން ކަމަށެވެ. އެ ކަންކަން ކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރި ކަންތައްތައް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ. އެ މިނިސްޓްރީން ކޮވިޑް 19 އާ ގުޅިގެން 26،212،727 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި ނަމަވެސް އޭގެތެރެއިން ގިނަ ހަރަދުތަކަކީ އެމިނިސްޓްރީން ކުރަން ނުޖެހޭ ހަރަދުތަކެއް ކަމަށެވެ. މި ހަރަދުތައް ކޮށްފައިވަނީ ޓޫރިޒަމް ޓްރަސްޓު ފަންޑުންނެވެ.

މީގެ އިތުރުން ކޮވިޑް 19އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ދުބާއީގެ "އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާ ގުޅޭ މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތަކެއް ކަމެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެ މައްސަލާގައި ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ޒިންމާ އަދާ ކޮށްފައި ނުވާ ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން އޮޑިޓާ ޖެނެރަލް ވަނީ ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ އާއި އެ މަޝްރޫއު ހިންގުމަށް ހުއްދަ ދިން އޮފިސަރުންގެ މައްސަލަ ތަހުގީގު ކުރުމަށް އަންގަވައިފައެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ފުލުހުން ގުޅިގެން ތަހުގީގު ކުރުމަށް އެ ދެ އިދާރާ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފައެވެ. އެ މައްސަލައިގެ ތަހުގީގާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ވަނީ އަމިއްލަފުޅަށް މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ.