ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިނުގަތީ، ސިޔާސީ ވިސްނުމަކުން ހިސާބު ނުޖެއްސެވީމަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްރުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީން ގެނެސްދިން "އަރާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބު 2018 ގައި ރައީސް ޔާމީނަށް ނާކާމިޔާބުވީ ޖެއްސެވި ހިސާބު ގޯސްވެގެން ކަމަށާއި ވިސްނައިދޭން މަސައްކަތްކުރި ނަމަވެސް، ޔާމީން އެ ހަގީގަތްތައް އަޑުއައްސަވާފައި ނުވާ ކަމަށެވެ.
"ސިޔާސީ ވިސްނުމަކުން ހިސާބު ޖެއްސެވި ނަމަ ދެވަނަ ދައުރެއް ރައީސް ޔާމިނަށް ލިބިވަޑައިގަތުމުގެ ފުރުސަތު ވަރަށް ބޮޑު. ނަމަވެސް ފެނުނީ ސިޔާސީ ނޫން ގޮތްތަކަށް މަސައްކަތްކުރެވުނު ތަން. މިހާކަށްހާވަރަކަށް ކަންނޭނގެ މި ވާހަކަތައް ދަންނަވާލިއްޔާ ރަނގަޅުވާނީ. ސިޔާސީ ތަޖުރިބާ ނެތް ބަޔަކު ވަކިން ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވީ ސިޔާސީ މަންޒަރު ފުސްވުން،" އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އެހެންވުމުން ހަގީގީ ސިޔާސީ މަންޒަރު ބެލުމުގެ ބަދަލުގައި ފުސްކަމެއް އައި ކަމަށާއި މިއަދުވެސް އެކަމަށް ހެކިވާނެ މަޖިލިސް މެންބަރުންނާއި މިނިސްޓަރުން ވެސް ތިއްބަވާނެ ކަމަށެވެ.
"ހިސާބު ހަދައިގެން ގޮސް ހއ. ތުރާކުނުން ފެށިގެން އައްޑުއަތޮޅުުގެ އެކި ރަށްރަށަށް ވަކިން ގޮސް ދެއްކިން މި ހުރިއްޔޭ ހިސާބު. 18،000 އާއި 20،000 އާ ދޭތެރޭގެ އަދަދަކަށް ވޯޓު މަދުވޭ، ނުހޮވެޔޭ. އެކަމަކު އެކަން ގަބޫލެއް ނުކުރެއްވި. އެއް މަސްދުވަސްކޮށްފައި ގޮސް ދެންނެވިން މިހެންނޭ ވަނީ. މިކަމަށް މިހާރުވެސް ހެކިވާނެ މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. ކުރުކޮށް ދަންނަވަންޏާ ދަންނަވަން ޖެހޭނީ ސިޔާސީ ވިސްނުމަކުން ހިސާބު ނުޖެއްސެވުނީމައޭ،" މަޖިލިސް ރައީސް އަބްރުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު ރައީސް ޔާމީން، ޕީޕީއެމުން ވަކިވުމުގެ ކުރިން އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ އަބްދުއްރަހީމެވެ. އެގޮތުން ޑީއާރުޕީން ފެށިގެން ޕީޕަލްސް އެލަޔަންސް (ޕީއޭ) އުފެއްދުމާއި ޕީޕީއެމްގެ މަސައްކަތުގައި ވެސް ރައީސް ޔާމީނާ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަވެގެންދިޔައީ އަބްދުއްރަހީމެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު، ދެބޭފުޅުންގެ ދެމެދުގައި މައްސަލަތައް އުފެދިގެންދިޔައެވެ.
ފާތިމަތު ލިއުޝާ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
ކޮމެންޓް