ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެ ވަނަ ދައުރެއް ލިބިވަޑައިނުގެން އެ މަނިކުފާނުގެ ވެރިކަން ނިމިގެންދިޔައީ އަމިއްލަފުޅު ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ "ކުއްތާ ކޮށްޓެއް"ގެ ގޮތުގައި ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ސިފަކުރެއްވުމަކީ އެ މަނިކުފާނުގެ ބޮޑާކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ރައީސްކަން ކުރެއްވުމުގެ އިތުރުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ ބޭފުޅަކަށްވާއިރު، އެފަދަ ބޭފުޅަކު އެ މޭރުމުން ވާހަކަދެއްކެވުމަކީ ހަސަދަވެރިކަން އޮތް މިންވަރު ހާމަވާ ކަމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނުނިމޭ ކަމަށާއި ނިމުނީ ޔާމީންގެ ވެރިކަން ކަމަށް ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ވެރިކަން ނިމިގެންދިޔައީ ގާނޫނާ ހިލާފުވުމާއި އަނިޔާވެރިވުމުގެ ސަބަބުން ކަމަށެވެ. އަދި ރައްޔިތުންގެ ބައިތުލްމާލަށް ހިޔާނާތްތެރިވުމާއި ބަސްނޭހުމުގެ ސަބަބުން ރައްޔިތުން އެ މަނިކުފާނު ބަލިކޮށް، ވެރިކަމުން ދުރުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނިމުނީ އެ ބޭފުޅާގެ (ރައީސް ޔާމީންގެ) ވެރިކަން. ވެރިކަން ނިމުނީ ބޮޑާކަމުން. ވެރިކަން ނިމުނީ ކިބުރުވެރިކަމުން. ވެރިކަން ނިމުނީ ނުލަފާކަމުން. ވެރިކަން ނިމުނީ ބަސް ނޭހީމަ. ވެރިކަން ނިމުނީ އަދުލުއިންސާފު ގާއިމު ނުކުރީމަ. ވެރިކަން ނިމުނީ އަނިޔާވެރިވީމަ. ވެރިކަން ނިމުނީ ހިޔާނާތްތެރިވީމަ. ވެރިކަން ނިމުނީ ދިވެހި ރައްޔިތުންގެ ބައިތުލްމާލު ދިރުވާލީމަ. ވެރިކަން ނިމުނީ އަނބިމީހާގެ ދަށުވީމަ" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ގަދަކޮށް ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ މެންބަރުން ތިއްބެވީ ވަރަށް ބަދަހިކޮށް އަދި އިހުލާސްތެރިކަމާއެކު ރައީސް މުއިއްޒާއެކުގައި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ ތެރޭގައި ރެނދުއަޅުވާލާނެ އެއްވެސް ފަންޑިތައެއް ނުވަތަ ސިހުރުހާހޫރައެއް ރައީސް ޔާމީނަށް އެނގިވަޑައެއް ނުގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން އެ ބޭފުޅުންނާމެދު ހިތްހަމަޖެހިވަޑައިނުގަންނަވަނީ އެހެން ބޭފުޅަކަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރުމުން ކަމަށާއި ނަމަވެސް އަބަދުވެސް އިސްކުރާނީ ރައީސް ޔާމީނަށްވުރެ ގައުމު ކަމަށެވެ.