ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ ތެރޭގައި އެއްވެސް ނުތަނަވަސްކަމެއް ނެތްކަމާއި އެ ހުރިހާ މެންބަރުންވެސް ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ގަދަކޮށް ކަމުގެ ޔަގީންކަން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމެއް ނެތް ކަމަށް ވިދާޅުވެ، ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަދަލުތަކެއް ފެންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ، އެ ހުރިހާ ވާހަކަފުޅެއް ރައީސް ޔާމީން ދައްކަވަނީ ވެރިކަމަށް ދަހިވެތިވެފައި ހުންނެވިލެއް ބޮޑު ކަމުން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ރައީސް މުއިއްޒާއެކު ތިއްބެވީ ޔާމީންގެ އަރިހުގައި އުޅުއްވި ބައެއް ބޭފުޅުން ތިއްބެވި ގޮތަކަށް ނޫން ކަަމަށެވެ. އަދި އެ މެންބަރުން ތިއްބެވީ އިހުލާސްތެރި ކަމާއެކު "ރައީސް މުއިއްޒާ އެކުގައި ގަދަކޮށް" ކަމަށެވެ.

5 ސެޕްޓެމްބަރ 2026، މާލެ، ޕީއެންސީން މިރޭ ބޭއްވި ހާއްސަ ޖަގަހަ ޖަލްސާ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

"އަޅުގަނޑު ދަންނަވާނީ ޕީއެންސީގެ ތެރޭގައި ރެނދު އަޅުވާލާކަށް ހަދާނެ ހަމަ އެއްވެސް ފަންޑިތައެއް، އެއްވެސް ސިހުރުހާހޫރައެއް ރައީސް ޔާމީނަކަށް އެނގިވަޑައެއް ނުގަންނަވާނެއޭ. މިތިބީ ވަރަށް ގަދަކޮށް އިހުލާސްތެރިކަމާ އެކީގައި،" މި ސަރުކާރު ގެންނަން އިސް ދައުރެއް އަދާކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ފަލާހުވެސް ވަނީ ޕީއެންސީގެ ތެރޭގައި ބައިބައިވުމެއް ނެތްކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ފަލާހު ވިދާޅުވީ، ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރުވަމުން ދިއުމަކީ ރާއްޖޭގެ ތަރައްގީއަށް ރައީސް މުއިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ރައްޔިތުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށެވެ.

5 ސެޕްޓެމްބަރ 2026، މާލެ، ޕީއެންސީން މިރޭ ބޭއްވި ހާއްސަ ޖަގަހަ ޖަލްސާ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

"އަޅުގަނޑު ދަންނަވާލާނީ، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ހުރިހާ މެންބަރުންވެސް ތިއްބެވީ ރައީސް މުއިއްޒާއެކު ގަދަކޮށް" ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި މިއަދާހަމައަށް އައިއިރު 20 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ލަޝްކަރު ބައިބައިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި އެެކަން ނާކާމިޔާބު ވަނީ ޕީއެންސީގެ ހުރިހާ މެމްބަރުންވެސް ރައީސް މުއިއްޒަށް ކުރައްވާ ފުރިހަމަ އިތުބާރުގެ ސަބަބުންކަމަށެވެ.