ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔާ އެއްގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. މުހައްމަދު އިބްރާހިމް އާއި އަލީ ރަޝީދު ހުސެއިން އައްޔަން ކުރުމަށް އެ ދެބޭފުޅުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. މުހައްމަދު އިބްރާހީމާއި އަލީ ރަޝީދު ހުސެއިން އައްޔަންކުރުމާ ގުޅޭގޮތުން ޖޭއެސްސީގެ މަޝްވަރާއަށް ރައީސް ފޮނުއްވީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެ ދެބޭފުޅުން އައްޔަން ކުރުމަށް ޖޭއެސްސީން މަޝްވަރާ ދެއްވާފައިވާތީ، އެ ދެބޭފުޅުންގެ ނަން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

މި ބޭފުޅުންގެ ތެރެއިން ޑރ. މުހައްމަދު އިބްރާހީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޮގަސްޓް 7، 2010 ގައި ސުޕްރީމް ކޯޓު ގާއިމުކުރެވެންދެން އެކޯޓުގެ އިދާރީ ހިންގުމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެއްވި ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެއީ ރައީސް އޮފީހުން ދެއްވި މައުލޫމާތާ ހިލާފު މަސްއޫލިއްޔަތެއް ހަވާލުކުރެއްވުމުން ކަމަށް ވިދާޅުވެއެވެ.

ޑުރަގް ކޯޓުގެ ގާޒީގެ މަގާމުގައި ކުރިން ހުންނެވި އަލީ ރަޝީދު ހުސެއިންއަކީ ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެގެން ހުންނެވި ގާޒީއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރަން ކްރިމިނަލް ކޯޓުން އެކުލަވައިލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ވެސް ގާޒީ އަލީ ރަޝީދެވެ.

ސުޕްރީމް ކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރަނީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް ތަސްދީގު ކުރެއްވުމުން އައްޔަން ކުރަންޖެހޭ ދެ ފަނޑިޔާރުންގެ މަގާމަށެވެ.

ސުޕްރީމް ކޯޓު ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ.