ކުރިން ނޯޓިސް ދިނުމަކާނުލައި އެއްވެ ޝުއޫރު ފާޅު ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަަނެއްގައި އެކަނި ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީިން އަބުދުލް ގައްޔޫމުގެ ސަރުކާރުން އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު މުޅިން އުވާލުމަށް ނުވިސްނަވާ ކަމަށާއި، ނަމަވެސް އެގާނޫނަށް އިސްލާހު ގެންނަން ނިންމަވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ، މިނިވަންކަން ގެއްލޭ އިސްލާހެއްކަމަށް ވިދާޅުވެ އެ އިސްލާހު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުން ކޮމިޓީ މަރުހަލާއަށް ގޮސްފައިވަނިކޮށް އިސްލާހު އަނބުރާ ނެގުމަށް ޖާބިރު މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ގަވައިދު ބުނާގޮތުން ކޮމެޓީ މަރުހަލާއި އޮންނަ އެއްޗެއް އަނބުރާ ނުގެންދެވޭނެތީ އެ އިސްލާހު ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީން ވަނީ ފަށައިފައެވެ.
އެކަމާ ގުޅޭގޮތުން ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެ އިސްލާހު މުޅިން އުވައިލުމުގެ ބަދަލުގައި އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށެވެ. އެގޮތުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ޑްރާފްޓެއް ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ކުރީގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހާ އެކު އެ ގާނޫނު އޮތީ ގާނޫނުއަސާސީން ލިބިދޭ ހައްގަށް ހުރަސް އެޅޭ ގޮތަށް ކަމަށެވެ. ނަމަވެސް ގާނޫނަށް އިސްލާހު ގެންނައިރު ބޭނުންވެވަޑައިގަންނަވަނީ އެންމެން އެއްްބަސްްވެވަޑައިގަންނަވާނެ ބަދަލެއް ގެންނަވަން ކަމަށްވެސް ވިދާޅުވިއެވެ. އެއީ އެންމެ ފައިދާ ބޮޑުކޮށް ނުވަތަ އެންމެ ރަނގަޅަށް ބޭނުންކުރެވޭނެ އިސްލާހަކަށް ހެދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ އިސްލާހު މުޅީން އުވާލުމުގެ ބަދަލުގައި އެއްވެ އުޅެވޭނެ ތަންތަން އިތުރުކުރުން ފަދަ ބަދަލުތައް ގެނެވިދާނެ ކަމަށެވެ. ނަމަވެސް އެ ބަދަލު މުޅިން ދޫކޮށްލަައިފި ނަމަ ދިމާވާ ދަތިތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ކުޑަކުދިންގެ ހައްގުތަކާއި މަގުމަތީގައި ހިނގާބިނގާވާ މީހުންގެ ހައްގުތަކާއި ދުއްވާ އެއްޗެހި ދުއްވުމުގެ ހައްގުތަކާއި އެމްބިއުލާންސްގެ ހައްގުތަކުގެ އިތުރުން ވިޔަފާރިވެރިންގެ ހައްގުތައް ގެއްލޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ