ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ގާނޫނާއި ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާކަމަށް ބުނާ މައްސަލަ ބެލުމުގައި ބަލަންވާ ވަރަށް އޭސީސީން ކަންކަން ބަލައިފައި ނުވާ ކަމަށް ވިދާޅުވެ އޭސީސީގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓާ ބެހޭ ދިރާސާއެއް 21 މޭގައި އޭސީސީން ހެދުމަށްފަހު ރިޕޯޓެއް ނެރެފައިވާ ކަމަށެވެ. ނަމަވެސް އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ "ރޫހުގައިވެސް, އެ ޖަޒުބާތުގައިވެސް، އަދި އެ ނަޒަރިއްޔާތުންވެސް އޭސީސީގެ ދިރާސާ ރިޕޯޓްގައި ކަންކަން ފާހަގަ ކޮށްފައި ނެތް ކަން މިހާރު އެބަ ފާހަގަވާ،" ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އޭސީސީގެ ދިރާސާ ރިޕޯޓް ލިޔުނުއިރު ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ދައްކާފައިވާކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން އެނގޭ ކަމަށެވެ.

އެކަމާބެހޭ މައުލޫމާތު އޭސީސީގެ ރިޕޯޓްގައި ނެތްކަން ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ ދުބާއީގެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ އެޕްރީލް މަހުގެ ތެރޭގައި ދޫކޮށްފައިވާއިރު އޭސީސީގެ ދިރާސާ ރިޕޯޓް ނެރެފައި ވަނީ 21 މޭގައި ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިދިޔަ މެއިމަހުގެ ތިނެއްގައި، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، ވެންޓިލޭޓަރުތަކާ ގުޅޭގޮތުން އޭސީސީން ބައްލަވަންވާ ވަރަށް ބައްލަވާފައި ނުވާކަމަށާއި، ނުވަތަ ބައްލަވާ ނަޒަރިއްޔާތުތައް ތަފާތުކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

އެހެންކަމުން އެ މައްސަލައަކީ ކޮމިޓީން އިތުރަށް ބަލަން ޖެހޭ މައްސަލައަކަށްވާތީ، ކޮމިޓީން އެ މައްސަލަ ބެލުމަށްޓަކައި، މެއި މަހުގެ ތިންވަނަ ދުވަހު، އޭސީސީގެ ރައީސް ކޮމެޓީގައި ދެއްކެވި ވާހަކައިގެ ޔައުމިއްޔާ އާއި، 21 މޭގައި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީން ނެރެފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.