ޓޫރިޒަމް މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓްގެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު އަންގަވައިފިއެވެ.

ރައީސް ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު، "ވަން" އަށް ވިދާޅުވީ ޓުރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ތަހުގީގުކޮށްދިނުމަށް އެދި އޭސީސީއަށް މިއަދު ރައީސް އަންގަވައިފައިވާ ކަމަށެވެ. އަދި ތަހުގީގުކޮށް ނިމުމުން، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑާ ގުޅިގެން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމެއް ރާއްޖެ ގެނައުމަށް ޓޫރިޒަމް ޓްރަންސްޓު ފަންޑުން ހަ މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށެވެ.

މެޑިކަލް ޓީމަށް ހަރަދުކޮށްފައިވަނީ ވެސް އެކަމަށް ހަރަދުވާނެ ކަމަށް ލަފާކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއަށްވުރެ އިތުރަށް ކަމަށެވެ. އެގޮތުން އެ ޓީމާ ގުޅޭ ކަންކަމަށް ޖުމްލަ 8.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ލިޔެކިޔުންތަކުން ދައްކާއިރު އެ އަދަދަކީ ލަފާކުރި ހަ މިލިއަން ރުފިޔާއަށްވުރެ 2.8 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮވިޑާ ގުޅިގެން މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫން ކަމަށާއި އެގޮތުން ކޮވިޑާ ގުޅިގެން ޖުމުލަ 26.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، އޭގެ 99 ޕަސެންޓަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ނޫން ކަމަށްވެސް ރިޕޯޓުގައިވެއެވެ.