އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި އޭނާ ދިފާއު ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވި އިރު، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން އެމްޑީޕީގެ އެތެރެއިން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެންނެވެ.

ނަމަވެސް އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ފައްޔާޒުގެ ދިފާއުގައި ނުކުންނެވުމުން އެމްޑީޕީގެ ތެރޭގައި ވެސް ވަނީ ބައިބައިވުން އުފެދިފަ އެވެ. ފައްޔާޒަށާއި އޭނާގެ ދިފާއުގައި ނުކުންނެވި މެންބަރުންނަށް ރައީސް ނަޝީދު ގެންދަނީ ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ދުވަހު ނޫސް "މިހާރު" އަށް ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައިވަނީ، ފައްޔާޒު މަގާމުން ވަކިކުރާ ވަރުގެ އެއްވެސް ކަމެއް މިހާތަނަށް ކުރައްވާފައި ނެތް ކަމަށާއި އޭނާއާ ގުޅޭ އެއްވެސް ޝަކުވާއެއް ވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ފައްޔާޒަކީ ސަރުކާރުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ އަދި ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ވެސް އެންމެ ކުރީގައި އުޅުއްވާ އެއް ވަޒީރު ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް ބުނެފައިވެ އެވެ.

"އެހެންވީމާ ފަޔާ ދިފާއު ކުރަން އަޅުގަނޑު މަސައްކަތް ކުރާނަން،" ރައީސްއާ ހަވާލާދީ މިހާރުގައި ބުނެފައިވެ އެވެ.

ފައްޔާޒު މަގާމުން ވަކިކުރަން އުޅޭ ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައިި މަޖިލިސް ރައީސް ނަޝީދު ވަނީ، ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރަކަށް ވެ، "ބުރޯ" ހެދިގެން ނޫޅުމަށާއި ނިޒާމުގެ ތެރޭގައި އުޅުއްވުމަށް ވިދާޅުވެ ފައްޔާޒަށް އިންޒާރު ދެއްވައިފަ އެވެ.

އެކަމާ ގުޅޭގޮތުން ވަޓްސްއެޕް ގްރޫޕުގައި ފައްޔާޒް ވިދާޅުވީ ނަޝީދަށް ވަރަށް އިހުތިރާމުކުރާ ކަމަށާއި ނަމަވެސް ނަޝީދު ދައްކަވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެހެން ވިދާޅުވުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިޔެވިފައި އޮތް ގޮތަކަށް ނިމިދާނެ ކަމަށާއި ހެޔޮ ބަސް ވިދާޅުވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަން މަޖިލިހުން ފާސްކުރަން ބޭނުންވަނީ 44 ވޯޓެވެ.